Ads by Farudhun

ޚަބަރު

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން

ބޯހިޔާވަހިކަން އެންމެނަށް އިފްތިތާޙް ކުރުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖޫން 2026، 09:18

17 ޖޫން 2026، 09:18

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވި މި ފުރުޞަތުގައި ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ލިބިފައެވެ.

އެޕްލިކޭޝަންތަކުގެ ތަފާސްހިސާބު
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 35,930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22,575 އެޕްލިކޭޝަނެވެ. މީގެ ތެރޭގައި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 45,644 އެޕްލިކޭޝަން އަދި "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން 12,861 އެޕްލިކޭޝަން ހިމެނެއެވެ.

ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓްގެ އަދަދު
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 7,900 ފްލެޓެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

އުޞޫލުތަކަށް ގެނެވުނު ބަދަލުތައް
މިފަހަރުގެ ސްކީމުގައި ބައެއް އުޞޫލުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުޞަތާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މި ސްކީމުގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. އަދި އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450