ޚަބަރު
އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާ ކުރި އައު މިސްކިތް ހުޅުވައިފި
އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާ ކުރި އައު މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމީ ވުޒާރާ
އައްޑޫ ސިޓީ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރެއްވި އައު މިސްކިތް "މަސްޖިދު ޒުލައިޙާ މުޙައްމަދު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ބިނާކުރެއްވި އޮނަރަބަލް މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. މި މިސްކިތަކީ އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އޮނަރަބަލް މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް، އެ ބިމުގައި މިސްކިތެއް ބިނާކުރެއްވި ދީލަތިކަން ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ "މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއް" ކަމަށެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ވަޒީރާއި ރަސްމިއްޔާތުގެ ބައިވެރިން ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. މި މިސްކިތަކީ ހުޅުދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ދީނީ ބިނާއެކެވެ.