ރިޕޯޓް

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް: އެމް-ފައިސާ މެދުވެރިކޮށް ދިވެހި ފްރީލާންސަރުންނަށް ބޮޑު އުފަލެއް

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް: އެމް-ފައިސާ މެދުވެރިކޮށް ދިވެހި ފްރީލާންސަރުންނަށް ބޮޑު އުފަލެއް

އެމް-ފައިސާ މެދުވެރިކޮށް ދިވެހި ފްރީލާންސަރުންނަށް ބޮޑު އުފަލެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖޫން 2026، 05:49

17 ޖޫން 2026، 05:49

15 ޖޫން 2026 ވީ ހޯމަ ދުވަހަކީ ދިވެހި އިޤްތިޞާދަށާއި ޒުވާން މަސައްކަތްތެރިންނަށް ތާރީޚީ ދުވަހެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް ދުނިޔޭގެ ބާޒާރަށް ހުޅުވައިލެވުނު އަގުހުރި ފުރުޞަތަކަށް މިވަނީ ވެފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުރިހަމަވުމެވެ.

 

އެމް-ފައިސާ އާއި ޕޭޕަލްގެ އިއްތިހާދު

މި އިންގިލާބީ ބަދަލުގެ މައިބަދައަކީ އޫރިދޫ ފިންޓެކް މޯލްޑިވްސްގެ "އެމް-ފައިސާ" އެވެ. 2025 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހޯދި 'އިންވާޑް ރެމިޓަންސް ލައިސަންސް' އާއެކު، އޫރިދޫއިން ވަނީ ޕޭޕަލްގެ ޚިދުމަތް ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދީފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މުއައްސަސާއަކަށް ރާއްޖޭގައި ވަކި އޮފީސްތަކެއް ގާއިމުކުރުމުގެ ބަދަލުގައި، އެމް-ފައިސާގެ ހަރުދަނާ މާލީ އޮނިގަނޑުގެ ތެރެއިން ޚިދުމަތް ދެމުންދާނެއެވެ.

މީގެކުރިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތްނަމަވެސް، ފައިސާ ބަލައިގަނެވޭނެ ފުރުސަތެއް ނެތުމަކީ ދިވެހީންނަށް ގެއްލިފައި އޮތް ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބައެއް ފަރާތްތަކުން މީގެ ކުރިން ބުނަމުންދިޔައީ ބައިނަލްއަޤްވާމީ މާކެޓްގެ ތެރެއަށް ވިޔަފާރީގެ ގޮތުން ރާއްޖެ ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު މިވަނީ އެ ގޮންޖެހުންތަކަށް ޒަމާނީ ހައްލެއް ލިބިފައެވެ.

 

ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކަށް އައު އުއްމީދެއް

ޕޭޕަލްގެ ޚިދުމަތާއެކު އެންމެ ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރުދުންނަށެވެ. އިންޓަނެޓް މެދުވެރިކޮށް އުފެއްދުންތައް ވިއްކާ ފޮޓޯގްރާފަރުންނާއި، ބޭރުގެ ކްލައިންޓުންނަށް ޚިދުމަތްދޭ ޕްރޮގްރާމަރުންނާއި، އޮންލައިންކޮށް ކިޔަވައިދޭ މުދައްރިސުންނަށް މިކަމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. މީގެކުރިން ބޭންކުތަކުގެ ބޮޑެތި ފީތަކާއި ތިންވަނަ ފަރާތްތަކަށް ބަރޯސާވާން ޖެހުނު ޖެހުން މިއަދު މިވަނީ ނިމުމަކަށް އައިސްފައެވެ.

 

ޕޭޕަލްގެ ސަބަބުން ދިވެހި އިޤްތިޞާދަށާއި ފަރުދުންނަށް ލިބޭނެ ހަޤީޤީ ފައިދާތައް

ދުނިޔޭގެ އެންމެ މަޤްބޫލު އޮންލައިން ޕޭމަންޓް ސިސްޓަމް ކަމަށްވާ ޕޭޕަލް ރާއްޖެއަށް ފުރިހަމައަށް ތައާރަފްވުމަކީ ދިވެހި ފަންނުވެރިންނަށާއި އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމެކެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތަކާއި ޚިދުމަތްތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކުގެ ދޮރުތައް ފުޅާދާއިރާއެއްގައި ހުޅުވިގެންދާނެއެވެ.

ފްރީލެންސަރުންނަށް ލިބޭ ބޮޑު ލުޔެއް: ރާއްޖޭގައި ތިބެގެން ބޭރުގެ ކްލައިންޓުންނަށް މަސައްކަތްކޮށްދޭ ފްރީލެންސަރުންނަށް ޕޭޕަލްގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. ޚާއްޞަކޮށް ގްރެފިކް ޑިޒައިނިންގް، ވީޑިއޯ އެޑިޓިންގް އަދި ކޯޑިންގް ފަދަ ދާއިރާތަކުން މަސައްކަތްކުރާ ފަރާތްތަކަށް ބޭރުގެ ކްލައިންޓުންގެ އަތުން ފަސޭހަކަމާއެކު ޑޮލަރުން ފައިސާ ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ކްރިއޭޓަރ އިކޮނޮމީ ކުރިއެރުން: މި ޚިދުމަތާއެކު ރާއްޖޭގެ ކްރިއޭޓަރ އިކޮނޮމީއަށް އާ ދިރުމެއް ލިބޭނެއެވެ. ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބޭ ފައިސާ ސީދާ ރާއްޖެއަށް ގެނައުމުގައި ހުރި ހުރަސްތައް ނެތިގެންދާނެއެވެ. މީގެ އިތުރުން، އަމިއްލަ ކުރެހުންތަކާއި ފަންނީ މަސައްކަތްތައް މުޅި ދުނިޔެއަށް ވިއްކާލުމުގެ ފުރުސަތު ދިވެހި އުފެއްދުންތެރިންނަށް ލިބިގެންދާނެއެވެ.

މުޢާމަލާތްތަކުގެ ރައްކާތެރިކަން: ޕޭޕަލް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޮންލައިންކޮށް ކުރާ މުޢާމަލާތްތަކުގެ ރައްކާތެރިކަމެވެ. ކާޑުގެ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާނުކޮށް، އެންމެ ސެކިޔުރިޓީ ވަރުގަދަ ގޮތެއްގައި އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުސަތު މީގެ ސަބަބުން ކަށަވަރުވެގެންދާނެއެވެ.

މި ޚިދުމަތަކީ ރާއްޖޭގެ މާލީ މާހައުލަށް އެންމެ އެކަށީގެންވާ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ އުސޫލެއްގެ މަތިން ފަރުމާކުރެވިފައިވާ ނިޒާމެކެވެ. މިއާއެކު ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ހަގީގީ ދޮރު މިވަނީ ހުޅުވިފައެވެ.

 

ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލާނީ ކިހިނެއް؟

ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލުމަކީ ހީކުރާ ވަރަށްވުރެ ފަސޭހަ ކަމެކެވެ. އެމްފައިސާ އެޕް ހުޅުވާލުމަށްފަހު ހޯމް ސްކްރީނުގައިވާ ޕޭޕަލް ކާޑަށް ފިއްތާލާށެވެ. އެއަށްފަހު "link paypal account" އިޚްތިޔާރު ކުރާށެވެ. ދެން ތިޔަބޭފުޅާ ރީޑައިރެކްޓް ވާނީ ލޮގިން ޕޭޖަށެވެ. އެތަނުގައި ޕޭޕަލްގެ ކްރެޑެންޝަލްސް ބޭނުންކޮށްގެން ސައިން-އިން ކުރާށެވެ. ބޭނުންވާ ގޮތަކަށް އައިޑެންޓިޓީ ވެރިފައި ކުރުމަށްފަހު، ލިބޭ އޯ.ޓީ.ޕީ (OTP) ޖަހައިގެން ޕޭޕަލްއަށް ލޮގިންވާށެވެ. ޝަރުތުތަކާއި ގަވާއިދުތައް ކިޔުމަށްފަހު އެއްބަސްވާށެވެ.

އެނބުރި އެމްފައިސާ ހޯމްއަށް ގޮސް ޚިދުމަތް ބޭނުންކުރަން ފަށާށެވެ.

 

ޕޭޕަލް އިން އެމްފައިސާއަށް ފައިސާ ނަގާނީ ކިހިނެއް؟

ޕޭޕަލްއިން އެމްފައިސާއަށް ޔޫ.އެސް ޑޮލަރު ނެގުމަށްޓަކައި އެމްފައިސާ އެޕް ހުޅުވާލުމަށްފަހު "withdraw" އަށް ފިއްތާލާށެވެ. ނަގަން ބޭނުންވާ އަދަދު ޖެހުމަށްފަހު 'continue' އަށް ފިއްތާލާށެވެ. ޓްރާންސެކްޝަންގެ ތަފްސީލުތައް ރަނގަޅުތޯ ބެލުމަށްފަހު އޯ.ޓީ.ޕީ ބޭނުންކޮށްގެން ޓްރާންސްފާ ކަށަވަރުކުރާށެވެ. ކަށަވަރުވުމާއެކު، ތިޔަބޭފުޅާގެ ފައިސާ އެމްފައިސާ ވޮލެޓަށް ޖަމާވާނެއެވެ. އެއާއެކު އެމްފައިސާ ބެލެންސް އަޕްޑޭޓްވާނެއެވެ. އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގައި ހުރި ފައިސާ އަވަސްކަމާއެކު ރައްކާތެރިކަމާއެކު ބޭނުންކުރައްވާށެވެ.

 

އެމްފައިސާ އިން ޕޭޕަލްއަށް ޓޮޕްއަޕް ކުރާނީ ކިހިނެއް؟

އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ޓޮޕްއަޕް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

އެމްފައިސާ އެޕް ހުޅުވާލުމަށްފަހު ހޯމް ސްކްރީނުގައިވާ ޕޭޕަލް ކާޑަށް ފިއްތާލާށެވެ. "top up" އިޚްތިޔާރު ކުރުމަށްފަހު ޓްރާންސްފާ ކުރަން ބޭނުންވާ އަދަދު ޖަހާށެވެ. ތަފްސީލުތައް ބެލުމަށްފަހު ޓްރާންސެކްޝަން ކަށަވަރުކުރާށެވެ. އެއާއެކު ފައިސާ ސީދާ އެމްފައިސާ ވޮލެޓުން ޕޭޕަލް އެކައުންޓަށް ބަދަލުވާނެއެވެ. ޓްރާންސެކްޝަން ކާމިޔާބުވިކަމުގެ ނޮޓިފިކޭޝަން ލިބޭނެއެވެ. އަދި އަޕްޑޭޓްވެފައިވާ ޕޭޕަލް ބެލެންސް އެޕްގެ ތެރެއިން ފެންނަން ހުންނާނެއެވެ. މިއީ ހަމަ އެހާ ފަސޭހަ ކަމެކެވެ. އެމްފައިސާ މެދުވެރިކޮށް ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ޕޭޕަލް އެކައުންޓަށް ފައިސާ ފޮނުވާލެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450