ޚަބަރު
ސަންޕާ ސަރަޙައްދަށް ދާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރަން އަންގައިފި
އެންވާރަމެންޓް މިނސްޓރީގެ ބޭފުޅުން - ފޮޓޯ: ޕީއެސްއެމް
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ހިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) އަށް ވަންނަ ހުރިހާ އުޅަނދުތަކަކީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
މި ނިންމުމަކީ ސަންޕާ ސަރަޙައްދު ބެލެހެއްޓުމަށް އެކުލަވާލާފައިވާ 2025 ވަނަ އަހަރުގެ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ، އުޅަނދުތައް ރަޖިސްޓްރީ ކުރަންޖެހެނީ އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކޮށް، ތަރުތީބު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި އައު އުސޫލުތަކުގެ ދަށުން، ފެހުރިހި ބެލުމަށް އެ ސަރަޙައްދަށް އެއްފަހަރާ ގެންދެވޭނީ ގިނަވެގެން 6 މީހުންނެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި 10 ފޫޓަށްވުރެ ކުދި އުޅަނދުތައް އެ ސަރަޙައްދަށް ވަނުމަކީ މިހާރު މަނާކަމެކެވެ. މީގެ އިތުރުން، އުޅަނދުތަކުގެ ބުރަފަތީގައި "ޕްރޮޕެލާ ގާޑް" ހަރުކުރުން މި މަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.
މުހްސިނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ސަރަޙައްދަށް ގެސްޓުން ގޮވައިގެންދާ ގައިޑުންނަކީ ޚާއްޞަ ތަމްރީނާއި ޓެސްޓެއް ފުރިހަމަކޮށްފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި އެ ސަރަޙައްދުގައި އުޅަނދު ދުއްވޭނެ އެންމެ ބާރުމިނަކީ 10 ނޮޓްސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ވުޒާރާގެ ޑިރެކްޓަރ ސާވޭ އެންޑް ރިސާޗް، އަޙްމަދު ޝާން ވިދާޅުވީ، 42 ކިލޯމީޓަރުގެ މި ބޮޑު ސަރަޙައްދު ބެލެހެއްޓުމަށް މިހާރު ރޭންޖަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި އައު މެނޭޖްމަންޓް ޕްލޭންގެ ސަބަބުން، ކުރިން އެ ސަރަޙައްދުގައި އޮތް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ފެހުރިހިތަކަށް އޮތް ނުރައްކާ ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސަންޕާ ސަރަޙައްދަކީ އަހަރުގެ ކޮންމެ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ތިމާވެށީގެ ހަޒާނާއެކެވެ.