ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު: ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމިއްޖެ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އައު ނަރުދަމާއާއި ފެނުގެ ހޮޅިތައް ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނި ގޮތުގައި، މައި ފެން ހޮޅި ވަޅުލުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި ހަފުތާގެ ތެރޭގައި ސްޓޯމްވޯޓަރ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަނީ މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން މަގުގެ ފުޅާމިނަށް 6 މީޓަރު އިތުރުކޮށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރެވޭނެއެވެ. މީގެ އިތުރުން، އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި، 150 މީޓަރުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މަގުގެ ތިންވަނަ ސެގްމަންޓުގައި ތަރައްޤީކުރާ ބޮޑު ޕާކިންގ ޒޯނެވެ. ބަނދަރުގެ ތެރެއިން 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ހިއްކައިގެން ތަރައްޤީކުރާ މި ޒޯނަކީ 500 ސައިކަލު ޕާކު ކުރެވޭނެ ޖާގައިގެ ތަނެކެވެ.
New sewer and water line connections have reached 100% completion on the Malé North Side Boduthakurufaanu Magu Road Project (Phase 1).
— MTCC Plc (@MTCCPlc) June 17, 2026
Additionally, 90% of the main water pipe installation works have been completed, and the stormwater catchpit and cable junction installations… pic.twitter.com/pem1KqON87
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސެގްމަންޓް 3 ގެ ސަބްގްރޭޑިންގ މަސައްކަތާއި، ދުވާރު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތް ހިމެނެއެވެ. "އެމްޓީސީސީން މަސައްކަތް ކުރައްވަނީ، އަންނަމަހުގެ ކުރީކޮޅު މަގުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ،" އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.