ޚަބަރު
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުުރުމަށް މައުލޫމާތުދިނުން. ފޮޓޯ: ފުލުހުން
ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށްޓަކައި މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލެ ފޭސް 1 ގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ގާތުން ބައްދަލުކޮށް މައުލޫމާތު ދިނުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް 1 ނެއިބަހުޑް ފުލުހުންނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެން ހިންގި ހަރަކާތެކެވެ.
ޖޫން 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އޮންލައިން ވިޔަފާރިތަކާއި މާކެޓް ޕްލޭސްތަކުގައި ވިޔަފާރިކުރާ ކަމަށް ދައްކައިގެން އުޅޭ މަކަރުވެރިންގެ އަމަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ހެކަރުންނާއި ސްކޭމަރުންގެ ފަރާތުން އަންނަ ފޯނު ކޯލުތަކާއި މެސެޖުތައް ދެނެގަންނާނެ ގޮތް ކިޔައިދީ، އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތަކަށް ރައްޔިތުން އަހުލުވެރިކުރުވާފައިވެއެވެ.
މީގެ އިތުރުން، ފޯނު ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ފީޗާސްތައް ޗެކުކޮށްދީ، ސެކިއުރިޓީ ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފުލުހުން ވަނީ ކިޔައިދީފައެވެ. އެގޮތުން ވައިބަރ އާއި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުގައި 'ޓޫ ފެކްޓަރ އޯތެންޓިކޭޝަން' އެކްޓިވޭޓް ކުރާނެ ގޮތް ދަސްކޮށްދީ، ބައެއް ފަރާތްތަކަށް އެ ސެޓިންގްސްތައް ހަދައިދީފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް ހޭލުންތެރިކުރުމުގެ މެސެޖުތައް ވަނީ ދީފައެވެ. މިއީ ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.