ޚަބަރު
ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ކަސްޓަމްސްއިން އަތުލައިގަތް ވޭޕް ކާޓްރިޖްތަކެއް. ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަތީ ކަސްޓަމްސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވި ގޮތުގައި، ކަނޑު މަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މިދިޔަ ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ އެ އިދާރާއިން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި. pic.twitter.com/H95bC8p0D5
— Maldives Customs Service (@CustomsMv) June 18, 2026
"ފަރުދުން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސްއިން އަތުލައިގަތް ވޭޕް ތަކަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެ މަސްލަޙަތު އޮންނަ ކުންފުންޏެކެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް ސިއްރުން ވޭޕް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންވެސް 1،108 ވޭޕް ކާޓްރިޖު އަދި 27 ޑިވައިސް އަތުލައިގެންފައިވާކަން ފާހަގަކުރެވެއެވެ.