ޚަބަރު
ފިނޭންސް މިނިސްޓަރު ދަންޖައްސަން އެމްޑީޕީގެ މުޒާހަރާގައި ގޮވާލައިފި
އެމްޑީޕީ މުޒާހަރާ - ފޮޓޯ: ހުރިހާ
މިރޭ މާލޭގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަރާލުމަށާއި، ވަޒީރު ދަންޖެއްސުމަށް ބައެއް ބައިވެރިން ގޮވާލައިފިއެވެ.
މި މުޒާހަރާއަކީ ވަރަށް ސުލަހަވެރިކަމާއެކު ކުރިއަށްގެންދާނެ އަދި ޣައިރު ގާނޫނީ އެއްވެސް ކަމެއް ނުކުރާނެ މުޒާހަރާއެއް ކަމަށް އެމްޑީޕީން މިއަދު ބުނެފައިވީ ނަމަވެސް، މުޒާހަރާގެ ތެރެއިން ވަނީ ނުރައްކާތެރި އިންޒާރުތަކެއް ދީފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ދަންޖެއްސުމަށް ގޮވާލި އަޑުތައް އިވުނު މަންޒަރުތައް ދިޔައީ އެ ވަގުތު މި މުޒާހަރާ ވަގުތުން ދުރަށް ދައްކަމުންދިޔަ ސަންގު ޓީވީގެ ލައިވް ކަވަރޭޖުން ދައްކަމުންނެވެ.
މީގެ އިތުރުން، މި މުޒާހަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުޑައިމީސްކޮށް، ހުތުރު ބަހުން އެތަކެއް އެއްޗެއް ގޮވަމުންދިޔަކަން ފާހަގަކުރެވުނެވެ.
މި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި، މިހާރުވެސް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން މި އެއްވުމުގެ އިސް ސަފުން ފެނިގެން ގޮސްފައިވެއެވެ.
ސުލަހަވެރި އެއްވުމެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރި ނަމަވެސް، ވަޒީރުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް ބަހެއް އަދި ބުނެގފައެއް ނުވެއެވެ.