ޚަބަރު
އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ރާއްޖޭގައި އޮތީ ވަޒީފާގެ ބިރުވެރިކަން: ވަޒީރު ސައީދު
އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު---
އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ރާއްޖޭގައި އޮތީ ވަޒީފާގެ ބިރުވެރިކަން ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިޔާސީ ފިކުރަށް ބަލައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ފެނިގެންދިޔައީ އެ ޕާޓީގެ ފިކުރު ނޫން އެހެން ކޮންމެ މީހަކު ވަޒީފާ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނަމުންދިޔަ މަންޒަރު ކަމަށެވެ. އަދި އެކަން އެމްޑީޕީން ޢަމަލުން ދައްކާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
MDP އަށް ވެރިކަންލިބުނު 2 ފަހަރުވެސް ހަމަދެއްކީ އެއްވާހަކައެއްނޫންތޯ. ތިމަންނަމެންގެ ޕާޓީނޫން އެންމެންޖެހޭނީ ވަޒީފާދޫކޮށްދާށޭ. އަދި ޢަމަލުންވެސް އެކަންދެއްކިނޫންތޯ؟ މިހާރުވެދާނެ އެކަން ހަނދުމަފުޅުގައި ނެތީކަމަށް. PNCގެ ސަރުކާރުން މިޕާޓީއަށް ނިސްބަތްނުވާތީ ވަޒީފާއިން ވަކިކުރި… https://t.co/AnH3MfuhRS
— Mohamed Saeed (@em_saeed) June 19, 2026
މީގެ އިތުރުން، އެމްޑީޕީން ވެރިކަމާ ހަވާލުވި ދެ ފަހަރުވެސް ފައިސާ މެނޭޖުކުރަން ނޭނގި، ޤައުމު ދަރުވާލާފައިވާ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ އެ ޕާޓީގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހަމަ މި މައުޟޫޢުގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު އެ ޕާޓީގެ ދާއިރާ ރައީސުންނަށް ކޯފާއިސްކުރައްވައި ބަސްވިދާޅުވާނެ ކަމެއް ނެތް ކަމަށެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގައި ވަޒީފާތަކުން މީހުން ވަކިކުރީ ސިޔާސީ ނުފޫޒުންކަން ދާއިރާތަކުގެ ރައީސުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި މިއަދު އެމްޑީޕީން މުޒާހަރާ ކުރަން ނުކުންނަ ނަމަ، އެ ޕާޓީގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުން އެމީހުންގެ ވަޒީފާއިން ވަކިކުރި ޗިޓްތައް ހިފައިގެން ނުކުންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މަނިކުފާނު އަދި ތިއުޅުއްވަނީ ހަނީމޫން ދުވަސްކޮޅުގައި. މިދުވަސްކޮޅު އުޅުއްވަން ބޭނުންފުޅުވާނީވެސް ހަނދުގައިކަން އަޅުގަނޑުމެންނަށް އެނގޭ.
އެމްޑީޕީގެ ޗެއާފާސަންއަށް ނިސްބަތްކުރައްވައި ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް އަމާޒުކޮށްފައި މިވަނީ، އެމްޑީޕީން ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަން ނައްތާލައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.