Ads by Farudhun

ޚަބަރު

ޢާޝޫރާ ދުވަހުގެ މާތްކަމާއި ބަރަކާތް

ޢާޝޫރާ ދުވަހުގެ މާތްކަމާއި ބަރަކާތް

އިސްލާމީ މަރުކަޒުގައި ހުކުތު ހުތުބާ / ފައިލް ފޮޓޯ: މިހާރު

farudhun logo

ފަރުދުން

19 ޖޫން 2026، 01:29

19 ޖޫން 2026، 01:29

ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚުގައި ނުހަނު މުހިންމު ދުވަހެކެވެ. އެއީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. މި ދުވަހަކީ ހެޔޮކަމާއި، މާތްކަމާއި، އިބުރަތްތަކުން ފުރިގެންވާ ދުވަހެއްކަން މިއަދުގެ ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ޢާޝޫރާ ދުވަހަކީ މާތް الله، ފިރުޢައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަހެވެ. އަދި ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ކަނޑުގެ ތެރެއަށް ޣަރަޤުކުރެއްވީވެސް ހަމަ މި ދުވަހުއެވެ. މި މަތިވެރި ނިޢުމަތަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން އެ ދުވަހު ރޯދަހިއްޕެވިއެވެ.

މިފަދަ ތާރީޚީ ޙާދިސާތަކުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުގެ ސަބަބުންކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ދެން ތިމަންރަސްކަލާނގެ رسولންނާއި، إيمانވީ މީހުން ސަލާމަތްކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ޙައްޤެކެވެ."

ޢާޝޫރާ ދުވަހުގެ ރޯދައާ ގުޅޭގޮތުން ޚުޠުބާގައި އިތުރަށް ކިޔައިދެއްވީ، މާތް ނަބިއްޔާ ﷺ މަދީނާއަށް ހިޖުރަކުރެއްވި އިރު، އެ ރަށުގެ ޔަހޫދީން މި ދުވަހު ރޯދަހިފަމުންދިޔަ ކަމަށެވެ. އެކަމުގެ ސަބަބާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެއީ ބަނީ އިސްރާއީލު ބާގައިގެ މީހުން ޢަދުއްވުންގެ ކިބައިން ސަލާމަތްވުމުން މޫސާގެފާނު ރޯދަފުޅު ހިއްޕެވި ދުވަސްކަމަށް އެމީހުން ދެންނެވިއެވެ. އެހިނދު ރަސޫލުﷲ ﷺ ޙަދީޘްކުރެއްވީ "މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ އެ ކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެންވެ، އެކަލޭގެފާނު އެ ދުވަހު ރޯދަފުޅު ހިއްޕަވައި، މީސްތަކުންނަށް އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މަތިވެރި ސަވާބަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމުގައި ރަސޫލާ ﷺ އުންމީދުކުރެއްވި ކަމަށެވެ. އަދި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ އެއް ދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން ރޯދަހިފުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ޢާޝޫރާ ދުވަހު އަޅުކަމެއްގެ ގޮތުގައި ރޯދަހިފުން ފިޔަވައި އެހެން ޚާއްޞަ އަޅުކަމެއް އޮތްކަން އެނގޭކަށް ނެތެވެ. އެހެންކަމުން، މި މަތިވެރި ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރޯދަހިފުމަށް މިއަދުގެ ޚުޠުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450