Ads by Farudhun

ޚަބަރު

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2ވަނަ ކޯސް ފަށައިފި

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2ވަނަ ކޯސް ފަށައިފި

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

19 ޖޫން 2026، 05:08

19 ޖޫން 2026، 05:08

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު" ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ އާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި ކޯސް ފެށުމަށްޓަކައި މިއަދު ބާއްވާފައިވާ ރަސްމިއްޔާތު އޮތީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ކޯހުގެ ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ އެ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް އޮޓޯ މޯބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި މެޓަލް ފެބްރިކޭޝަންގެ އިތުރުން އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ފަންނީ ހުނަރުތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތައް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

ދަރިވަރުންނަށް ކިޔަވައިދެއްވާނީ އެކި ފަންނީ ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމްގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450