ޚަބަރު
15 ހާހަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަނެފި
ކަސްޓަމްސް އިން ވޭޕް ކާޓްރިޖް ތަކެއް އަތުލައިގަތުން. ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15,601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މިއީ ވޭޕްއާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރި ކަމަށް ޝައްކުކުރެވޭތީ، ޖޫން 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި މުދަލުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ވަނީ ފެނިފައެވެ.
ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ވަނީ މިފަދަ ތިން އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމާ ގުޅިގެން، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި އިތުރަށް ސަމާލުކަން ދެމުންނެވެ. މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.