Ads by Farudhun

ޚަބަރު

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރޭނިންގ ޕްރޮގްރާމް" އިފްތިތާޙުކޮށްފި

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރޭނިންގ ޕްރޮގްރާމް" އިފްތިތާޙުކޮށްފި

މިނިސްޓަރ ގީލާ - ފޮޓޯ: ހެލްތް މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 ޖޫން 2026، 02:21

20 ޖޫން 2026، 02:21

އަންހެނުންނާއި ކުޑަކުދިންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓެއް އާންމުކޮށް، "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރޭނިންގ ޕްރޮގްރާމް" ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ރިޕޯޓާއި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހެލްތާއި، ފެމިލީ ކޯޓު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ކުރެވުނު މުހިންމު މަސައްކަތްތަކެކެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދިރާސާ ރިޕޯޓް ނެރެދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރޭނިންގ ޕްރޮގްރާމް" އިފްތިތާޙުކޮށްދެއްވީ ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީއެވެ.

މިއަދު އާންމުކުރި ދިރާސާ ރިޕޯޓަކީ، އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި، އާއިލީ ހަމަޖެހުން ގެއްލުމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅެއެވެ. ޚާއްޞަކޮށް ކައިވެނީގެ ކުރިންނާއި، ކައިވެނީގެ ތެރޭގައި އަދި ވަރިވުމަށްފަހު ދިމާވާ އެކި މަރުހަލާތަކުގައި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް މި ރިޕޯޓުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އާއިލީ ގުޅުންތައް ބަދަހިކުރުމަށް ގެންގުޅުއްވާ ޚާއްޞަ ތަސައްވުރު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުން. ކޮންމެ ކުއްޖަކީވެސް ލޯތްބާއި، ރައްކާތެރިކަމާއި، އެހީތެރިކަން ލިބޭނެ މާހައުލެއްގައި ބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއްކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ މަގްސަދެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި ރިޕޯޓުގެ ހޯދުންތަކުގެ ސަބަބުން އާއިލާތަކަށް އެހީތެރިވާނެ ނިޒާމުތައް އިތުރަށް ހަރުދަނާވެ، މައްސަލަތައް ބޮޑުވެ ކާރިސާއަކަށް ބަދަލުވުމުގެ ކުރިން އެކަންކަން ހައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އަލަށް ފެށި "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރޭނިންގ ޕްރޮގްރާމް" އަކީ ކޯޓުން ބޭރުގައި އާއިލީ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައިދޭނެ ގާބިލް މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ "ޓްރޭނިންގ އޮފް ޓްރޭނާސް" (ToT) ބައި 2026 ޖޫން 21 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީޑިއޭޓަރުން ތަމްރީނުކުރުމުގެ މައިގަނޑު ޕްރޮގްރާމް ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ ސަބަބުން އާއިލީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ސަގާފަތެއް އަށަގަނެ، ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450