ޚަބަރު
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފި
ވޯޑް ބޭންކް - ފޮޓޯ: ގްލޯބަލް ކެޕިޓަލް
ދިވެހި ސަރުކާރުން އިޤްތިޞާދު ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026" ރިޕޯޓުގައި ވާގޮތުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ތަންފީޒުކުރަން ފެށި ހަރުދަނާ އިޞްލާޙީ ސިޔާސަތުތަކެވެ. މިގޮތުން، ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގަވާއިދަކީ ރިޒާވް މަތިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އަދި މީގެ އިތުރުން، އިންޑިއާގެ ރިޒާވް ބޭންކާއެކު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރިޒާވްގެ މިންވަރު ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ. އަދި ބޭރުގެ ދަރަނިތައް އަދާކުރުމަށްފަހު، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވޯލްޑް ބޭންކުން ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު (ޑެފިސިޓް) 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށާއި، މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 4.3 އިންސައްތަ ކަމަށް އެ ރިޕޯޓުގައިވެއެވެ. މިއީ 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ދައުލަތުގެ ޖުމްލަ ޚަރަދުތައް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކުރެވިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ދައުލަތަށް ލިބޭ އާމްދަނީ ވަނީ 12.0 އިންސައްތައިގެ ކުރިއެރުމަކާއެކު، ޤައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް އިތުރުވެފައެވެ.
ވޯލްޑް ބޭންކުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކު ޕޭމެންޓްތަކާއި، އެސްބީއައި އަދި ކަރަންސީ ސްވޮޕް ފައިސާ ގަވާއިދުން އަނބުރާ ދައްކަމުންދިއުމަކީ ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރައްވަމުންދާ ހަރުދަނާ މަސައްކަތުގެ ނަތީޖާކަން ވޯލްޑް ބޭންކުގެ ރިޕޯޓުން ހާމަވެއެވެ.