Ads by Farudhun

ޚަބަރު

އައްޑޫ ސިޓީ ހިމެނޭހެން 3 ސަރަޙައްދެއްގައި ގޭބިސީގެ އާމްދަނީއާއި ޚަރަދު ދެނެގަތުމުގެ ސަރވޭ ފަށަނީ

އައްޑޫ ސިޓީ ހިމެނޭހެން 3 ސަރަޙައްދެއްގައި ގޭބިސީގެ އާމްދަނީއާއި ޚަރަދު ދެނެގަތުމުގެ ސަރވޭ ފަށަނީ

ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭއެއްގެ ތެރެއިން ފޮޓޯ: ސްޓެޓިސްޓިކްސް ބިއުރޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2026، 04:37

20 ޖޫން 2026، 04:37

ގޭބިސީތަކުގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތް ދެނެގަތުމަށް ކުރިއަށްގެންދާ ޚާއްޞަ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީއާއި ލ. އަތޮޅު އަދި ނ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

މިއީ ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސަރވޭއެކެވެ. އެންމެ ފަހުން މިފަދަ ސަރވޭއެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. މިއަހަރުގެ ފެބުރުވަރީ މަހު ފެށި މި ސަރވޭގެ މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް މާލޭގައި މިހާރު ވަނީ ނިންމާލާފައެވެ. އަދި އަތޮޅުތަކުގައި މިދިޔަ މަހު މަސައްކަތް ފަށާފައިވާއިރު، ކ. އަތޮޅާއި މ. އަތޮޅުން ހޮވާލެވުނު ރަށްތަކުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މަޢުލޫމާތު ދޭ ގޮތުގައި، އައްޑޫ ސިޓީއާއި ލ. އަތޮޅު އަދި ނ. އަތޮޅުގައި ކުރިއަށްގެންދާ މި ބުރުގެ މަސައްކަތްތައް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ސަރވޭގެ މުހިންމު މަޤުޞަދުތައް:

  • ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ހޭދަކުރާ މިންވަރު ދެނެގަތުން.
  • ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުން.
  • ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީ.ޕީ.އައި) އިޞްލާޙުކުރުން.
  • އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަކޮށްދޭ މިންގަނޑުތައް އެކުލަވާލުން.


މި ސަރވޭގައި ގޭބިސީތަކުން ހަފުތާއަކު ކުރާ ޚަރަދުގެ އިތުރުން، 3 މަހާއި 12 މަހާ ދެމެދު ކުރާ ބޮޑެތި ޚަރަދުތަކުގެ މަޢުލޫމާތު އެއްކުރާނެއެވެ. މީގެ ތެރޭގައި އާންމު ދިރިއުޅުމުގެ ފެންވަރާއި، ހަރުމުދަލާއި، ވަޒީފާއާއި، ބޭސްފަރުވާއާއި ދަތުރުފަތުރަށް ކުރާ ހޭދަ ހިމެނެއެވެ.

މި ބޮޑު ސަރވޭގައި މާލެއާއި އެހެނިހެން ސިޓީތަކުން 2,085 ގޭބިސީ އަދި އަތޮޅުތަކުން 2,010 ގޭބިސީ ހިމެނޭހެން، ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން އެދިވަޑައިގަންނަވަނީ ސަރވޭގެ އޮފިޝަލުން ގޭބިސީތަކަށް ޒިޔާރަތްކުރާ ވަގުތުތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށެވެ.

ބިއުރޯއިން ކަށަވަރުކޮށްދޭ ގޮތުގައި، މި ސަރވޭގައި އެއްކުރާ ވަކިވަކި ފަރުދުންގެ މަޢުލޫމާތުގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާނީ ތަމްރީނު ލިބިފައިވާ ހުއްދަ އޮތް އޮފިޝަލުންނެވެ. ސަރވޭގެ ނަތީޖާތައް ރިވިއުކުރުމަށްފަހު، އެކަމުގެ ތަފްޞީލީ ރިޕޯޓެއް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450