ޚަބަރު
އިސްލާމްދީނަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ޝައިޚް އިސްމާޢިލް ނިޔާވެެއްޖެ
ޝައިޙް އިސްމާޢިލް މުޙައްމަދު
ހުލާސާ
ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ދައުލަތުގެ އިސް ސަފުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ގިނަ ބޭފުޅުންތަކެއްގެ އުސްތާޛެކެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޝައިޚް އިސްމާޢީލް ވަނީ ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވާފައެވެ. އެމަނިކުފާނުގެ މި މަސައްކަތްޕުޅުތަކަކީ ރާއްޖޭގެ ދީނީ ޢިލްމު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރި މަސައްކަތްތަކެކެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި، މަރުޙޫމްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ.