ޚަބަރު
ޝައިޚް އިސްމާޢިލް އަކީ ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ: ޝައިޚް ސަމީރު
ޝައިޚް އިސްމާޢިލް އަދި ޝައިޚް ސަމީރު
ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގެ ދީނީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ގިނަ ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ޝައިޚް ސަމީރު ވިދާޅުވީ، އެ މަނިކުފާނަކީ ފެނުނުތަނުގައި ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ ކަމަށެވެ. އަދި ތަޢުލީމާއި ތަރުބިޔަތުގެ ދާއިރާއިން އެ މަނިކުފާނު ކުރައްވާފައިވަނީ އަގުނުކުރެވޭނެ ފަދަ މުހިންމު މަސައްކަތްތަކެއްކަން ޝައިޚް ސަމީރު ފާހަގަކުރެއްވިއެވެ.
ޝައިޚް ސަމީރުގެ މެސެޖުގައި ވަނީ ޝައިޚް އިސްމާޢީލް މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. "ދުޢާއަކީ މާތް الله ޝެއިޚަށް ފާފަ ފުއްސަވައި ނަބީ ބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާއެކު ސުވަރުގޭގައި ލެއްވުން! އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން! އާމީން!" ޝައިޚް ސަމީރު ވިދާޅުވިއެވެ.
އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ލޮބުވެތި ޝައިޚު، ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ.
— Ahmed Sameer (@Ahmadhsameer) June 21, 2026
އެ މަނިކުފާނަކީ އަޅުގަނޑަށް ފެނުނުތަނުގައި ރާއްޖޭގައި ދީނީ ޢިލްމުވެރީން އުފެއްދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅާ. pic.twitter.com/QLGW9EiP1p
ޝައިޚް އިސްމާޢީލް މުޙައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެ މަނިކުފާނު ވަކިވެދިއުމަކީ ރާއްޖޭގެ ދީނީ ޢިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.