ޚަބަރު
ޝައިޚް އިސްމާޢިލްގެ އާއިލާއަށް ނައިބު ރައީސް ތައުޒިޔާ ފޮނުއްވަވައިފި
ނައިބު ރައީސް ހުސެއިން އަދި ޝައިޚް އިސްމާއިލް
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މ.ޠައިބާ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށާއި، މާތް ﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވި ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) June 21, 2026
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މ.ޠައިބާ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވި ޚަބަރު… pic.twitter.com/Q1dw8Fybhq
ޝައިޚް އިސްމާޢީލް މުޙައްމަދަކީ ދީނީ ދާއިރާއިން ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޢިލްމު އުނގަންނައިދިނުމުގެ ރޮނގުން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް ދައުލަތުން ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ.
ޝައިޚް އިސްމާޢީލްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.