ޚަބަރު
ބ. ދަރަވަންދޫގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން
ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއީ ސަރުކާރުން ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓާ ޙަވާލުވާ ރަށް ނުވަތަ "ކަލެކްޝަން ޕޮއިންޓް" އެއްގެ ގޮތުގައި މިހާރު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް ޚިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވެއެވެ.
ބ.ދަރަވަންދޫގައި މިއަދު ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި. ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ޚިޔާރުކުރެެވޭނެ.@governmentmv… pic.twitter.com/KSa3m3PQ9c
— Maldives Immigration (@ImmigrationMV) June 21, 2026
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް މާލޭގައި ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ ކުރިން ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުންނަށް ޖެހެނީ ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރާށެވެ. ނަމަވެސް، މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު، ރައްޔިތުން މާލީގޮތުން އުފުލަމުން ދިޔަ ބޮޑު ތަކުލީފަށް ނިމުމެއް އަންނާނެއެވެ.