ޚަބަރު
ނައިބު ރައީސް ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި
ނައިބުރައީސް ހުސެއިން މުޙައްމަދު ލަޠީފް ޖަރުމަނަށް ފުރާވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި "ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
މި ފޯރަމްގެ ތެރެއިން ނައިބު ރައީސް ވަނީ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެން، ތަޤުރީރު ކުރައްވާފައެވެ. އެގޮތުން، ފޯރަމް ހުޅުވުމުގެ ކުރިން އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަޓް ބޮޝް ސްޓިފްޓަންގް ގުޅިގެން ބޭއްވި ލީޑާސް ގާލާ ޑިނާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ހައި-ލެވެލް ލީޑާސް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ފުދުންތެރިކަމަށް އިސްކަންދީ، މީހުން ހިޖުރަކުރަންޖެހޭ ޙާލަތްތަކުގައި އެކަން ކުރަންވާނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚުތިޔާރުގައި އަދި އަބުރުވެރިކަމާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަނޑުގެ ލެވެލް އުފުލުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ޙައްޤުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ބޭއްވި ހައި-ލެވެލް ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލެވެލް އުފުލުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި ހުރިހާ ފަންތިއެއްގެ ގުޅުންތައް ބޭނުންވާ ކަމަށެވެ. އަދި މުޖުތަމަޢުތަކުން ދިރިއުޅެން ބޭނުންވާ ތަންތަނުގައި އަބުރުވެރިކަމާއެކު ތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފޯރަމްގެ ނަތީޖާތަކާ މެދު މަޝްވަރާކޮށް، ގްލޯބަލް ކޮންސެންސަސް އޮން ކްލައިމެޓް މޮބިލިޓީ ހާސިލުކުރުމަށް ބޭއްވި "ޗެމްޕިއަންސް ބްރެކްފާސްޓް" ގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މުޅި ފޯރަމްގައި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކާއި، ނާޒުކު ޤައުމުތަކަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ރާއްޖޭގެ ދާއިރާތަކުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.