ޚަބަރު
ވަގު ސެޓުފިކެޓުތަކެއްގެ މައްސަލައިގައި އެވިޑު ކޮލެޖު ޖޫރިމަނާކޮށްފި
އެވިޑު ކޮލެޖު ތިނަދޫ ކޭމްޕަސް---
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް ސެޓުފިކެޓު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްކިއުއޭއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް އެވިޑް ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއް މި އަހަރުގެ ކުރީކޮޅު ފެންމަތިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭރު އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނޭ ކަމަށްވެސް އެމްކިއުއޭއިން ބުނެފައިވެއެވެ.
ނަމަވެސް، އެ ފިޔަވަޅުތަކަށް ފަހުވެސް، ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އަލުން ހާމަވެފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ. މިކަން މިގޮތަށް ތަކުރާރުވަމުންދާތީ، އެކަން އިސްލާހުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެ ކޮލެޖު މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ.
އެމްކިއުއޭއިން ބުނި ގޮތުގައި، އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެއްވެސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމަށް އެމްކިއުއޭއިން ފާހަގަކުރެއެވެ. އަދި ރާއްޖޭގެ ތައުލީމީ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑުވެ، ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.