ޚަބަރު
އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ
އިސްކަންދަރު ކޮށި.
އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަށް ޝައުގިވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ސަރުކާރާއި އިދާރީ މަސައްކަތްތަކުގެ އިތުރުން، އޮޕަރޭޝަނަލް މެޑިކަލް ޚިދުމަތްތަކާއި، އެކިކަހަލަ ތަމްރީންތައް ކުރިއަށްގެންދިޔުމަށް ޚާއްސަ ތަންތަނާއި އެކަމަޑޭޝަން ޖާގަ ހިމެނޭނެއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ބޭސްމަންޓާއި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޕާކު ކުރެވޭނެ އިންތިޒާމުތަކާއެކުގައެވެ.
މި އިމާރާތުގައި ޖުމްލަ 6 ލިފްޓް ބަހައްޓަން ޖެހޭއިރު، ބޭސްމަންޓްގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ އޮންނާނެއެވެ. މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި 4 ފުރޮޅުލީ 17 އުޅަނދަށް ޖާގަ ހާއްސަކޮށްފައިވާއިރު، ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.
އިމާރާތުގެ ތިންވަނަ ފަންގިފިލާ ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަކުރާއިރު، 4 ވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާއާ ހަމައަށް ހާއްސަކޮށްފައިވަނީ އޮފީސް ބައިތަކަށެވެ. 11 ވަނަ ފަންގިފިލާއިން ފެށިގެން 13 ވަނަ ފަންގިފިލާއަށް އެކަމަޑޭޝަން ބައިތައް ހުންނާނެއެވެ. މި ބައިގައި 80 އާއި 100 އާ ދެމެދުގެ އެނދު ހިމެނޭއިރު، އަންހެނުންނަށާއި ބޭރުން އަންނަ މީހުންނަށް ޚާއްސަ ކޮޓަރިތައް ހިމަނަންޖެހެއެވެ.
އިމާރާތުގެ އެންމެ މަތީ ދެ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ތަމްރީން ޕްރޮގްރާމްތަކަށެވެ. މީގެ ތެރޭގައި 6 ކްލާސްރޫމް، ލައިބްރަރީ، ކޮންފަރެންސް ރޫމް، މަލްޓިޕާޕަސް ހޯލް އަދި ޓްރެއިނިންގ ހޯލް ހިމެނޭނެއެވެ. މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު އެ ބިމުގައި ހުރި އިމާރާތް ތަޅާލުމަށްފަހުގައެވެ.