Ads by Farudhun

ޚަބަރު

ދުންފަތުގެ ޓެކްސް ކުޑަކުރުމާގުޅޭ ބިލެއް މަޖިލީހަށް ހުށައަޅައިފި

ދުންފަތުގެ ޓެކްސް ކުޑަކުރުމާގުޅޭ ބިލެއް މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2026، 01:07

22 ޖޫން 2026، 01:07

ދުންފަތުގެ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށްޓަކައި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެފަހަރު ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. ސަރުކާރުން އޭރު ވިދާޅުވެފައިވަނީ އެއީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ޑިއުޓީ ކުޑަކުރުމަށް ހުށަހެޅި ސަބަބުތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހެދި ދިރާސާއަކަށްފަހު 2026 ވަނަ އަހަރަށް ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ 4 ރުފިޔާގެ ސްޕެސިފިކް ރޭޓެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ ގައުމުތަކުގައި ގެންގުޅޭ އުކުޅެކެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، 8 ރުފިޔާއަށް ޑިއުޓީ ބޮޑުކުރުމަކީ ސަރުކާރުން އޭރު ނެގި އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާނެ ކަންކަން ކަމަށެވެ. "މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ކަމާބެހޭ ހުރިހާ އިދާރާތަކާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައެވެ. މި އިސްލާހު ފާސްވެއްޖެނަމަ، ސިނގިރޭޓުގެ ޑިއުޓީ މިހާރު ހުރި 8 ރުފިޔާގެ ރޭޓުން 4 ރުފިޔާއަށް ދަށްވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450