ޚަބަރު
އަމާން ދޯދިން ވެއްޓުނު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި، އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭގެ 23:14 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވެއެވެ.
ނަމަވެސް، ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް އިތުރު ފަރުވާއަށް މިހާރު ވަނީ މާލޭގައި ހުންނަ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.