Ads by Farudhun

ޚަބަރު

ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަޅު ކޮނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަޅު ކޮނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޮއްދޫ ބަދަރުގެ މަސައްކަތް - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖޫން 2026، 09:54

23 ޖޫން 2026، 09:54

ނ. ފޮއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި އެ ރަށުގައި ކުރިއަށްގެންދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރުގެ ޗެނަލްތައް ކޮނުމުގެ މަސައްކަތާއި ސީބެޑް އެކްސްކެވޭޝަން ނުވަތަ ފަޅު ކޮނުމުގެ މަރުހަލާތަކެވެ. މި މަސައްކަތްތައް ނިމުމުން، ރަށުގެ ބަނދަރަށް ވަދެ ނިކުތުމުގައި މިހާރު ހުރި ހުރަސްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ފޮއްދޫ ބަނދަރުގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް އެ ދުވަހު ވިދާޅުވީ، އެކަށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން ފޮއްދޫ ރައްޔިތުން ހިތާމަވެރި އެތައް ހާދިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ އެކަމަށް ދާއިމީ އަދި ރައްކާތެރި ހައްލެއް ހޯދައިދިނުން ކަމަށެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މި މަޝްރޫޢު ނިމުމުން ފޮއްދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް ބޮޑު ބަދަލެއް އަންނާނެއެވެ. ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން މި މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމައި، ރައްޔިތުންގެ ބޭނުންތަކަށް ހުޅުވާލުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.

އެމްޓީސީސީން ބުނެފައިވަނީ، މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، ބަނދަރުގެ މަސައްކަތް ނިމުމުން ފޮއްދޫއަކީ ލަފާފުރުމުގެ ފަސޭހަކަން އޮތް ރަށަކަށް ވެގެންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450