Ads by Farudhun

ޚަބަރު

ފާއިތުވި ތިން އަހަރު ނަފްސާނީ ބައްޔަށް ފަަރުވާހޯދި މީހުންގެ ޢަދަދު ގިނައީ މާލެސަރަހައްދުން: ވަޒީރު ގީލާ

ފާއިތުވި ތިން އަހަރު ނަފްސާނީ ބައްޔަށް ފަަރުވާހޯދި މީހުންގެ ޢަދަދު ގިނައީ މާލެސަރަހައްދުން: ވަޒީރު ގީލާ

ވަޒީރު ގީލާ ޢަލީ. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 10:49

23 ޖޫން 2026، 10:49

ހުލާސާ


ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދި މީހުންގެ ބޮޑު އިންސައްތައަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ޤީލާ ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން 2025 ގެ ނިޔަލަށް ހިމެނޭ ތިން އަހަރުގެ މުއްދަތުގައި ރާއްޖޭގައި 70,000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 45,000 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ މީހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ހުންނަންޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ބޭރުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެފަދަ ތަނެއް ގާއިމުކުރާއިރު އެ ސަރަހައްދަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދަށާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭނެ ކަމަށެވެ. ނަފްސާނީ ފަރުވާއަކީ ޚާއްސަ ނިޒާމެއްގެ ދަށުން ދޭންޖެހޭ ފަރުވާއަކަށް ވާއިރު، މިވަގުތު އެންމެ ގިނަ ބަލިމީހުންނާއި ވަސީލަތްތައް ހުރީ މާލެ ސަރަހައްދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މި ހޮސްޕިޓަލް އެޅުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމުންނާއި ސަރުކާރުތަކުން އެފަދަ ކަމަކަށް ދީފައިވާ އަހައްމިޔަތު ކުޑަވުމުގެ ސަބަބުން އެކަށިގެންވާ ގޮތެއްގައި ފަރުވާ ދެވިފައިނުވޭ،" ވަޒީރު ވިދާޅުވިއެވެ.

އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ޖެހިލުންވުމާއި ލަސްވުން ފަދަ ކަންކަން މުޖުތަމައުގައި ހުރިކަން ފާހަގަކުރައްވައި، ޚާއްސަ ހޮސްޕިޓަލެއްގެ މުހިންމުކަން ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ތިބި 60 މީހަކަށް ފަރުވާދީ އަނބުރާ މުޖުތަމައަށް ނެރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މެންޓަލް ހެލްތު ހެލްޕްލައިނަށް މިދިޔަ އަހަރު 10,000 އަށްވުރެ ގިނަ ކޯލު ލިބި، އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ޤީލާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ސައިކޭޓްރިކް ޚިދުމަތް ދެމުންދާކަން ފާހަގަކުރައްވަމުންނެވެ. އަދި އަލަށް ގާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ފަރުވާ ލިބޭނެ ތަނަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450