Ads by Farudhun

ޚަބަރު

ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ މީގެ ކުރިން ރާއްޖޭގައި ދެމުން އައީ އާންމު ނިޒާމުގެ ތެރެއިން - ގީލާ

ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ މީގެ ކުރިން ރާއްޖޭގައި ދެމުން އައީ އާންމު ނިޒާމުގެ ތެރެއިން - ގީލާ

މިނިސްޓަރު ގީލާ - ފޮޓޯ: ހެލްތް މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 ޖޫން 2026، 10:49

23 ޖޫން 2026، 10:49

ރާއްޖޭގައި މިހާތަނަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދެމުން އައީ ސިއްހީ އާންމު ނިޒާމުގެ ތެރެއިން ކަމަށާއި، ނަމަވެސް އެ ނިޒާމު ބަދަލުކޮށް ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ގީލާ ވިދާޅުވީ، ޒަމާންތަކެއް ވަންދެން ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދެމުން އައީ އާންމު ސިއްހީ ޚިދުމަތްތަކުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ މިފަދަ ބަލި މީހުންނަށް ޚާއްސަ ފަރުވާގެ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ބިނާކުރުމަށް ސަރުކާރުން ނިންމަވައި، ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މިފަދަ ހޮސްޕިޓަލެއް ވަކިން ހުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، ނަފްސާނީ ބަލިތަކަކީ ވަރަށް ޚާއްސަ ފަރުވާތަކެއް ބޭނުންވާ ބަލިތަކަކަށް ވެފައި، އެކަމަށް ބޭނުންވާ އެކި ފަންނުތަކުގެ ސްޕެޝަލިސްޓުންނާއި ވަސީލަތްތައް މާލެ ސަރަހައްދުގައި ގިނަވުމަކީ އަތޮޅުތެރޭގެ ބަދަލުގައި މި ސަރަހައްދުގައި ހޮސްޕިޓަލް އެޅުމަށް ނިންމި ސަބަބެއް ކަމަށެވެ. ބަލި މީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި އެހެނިހެން ފަރުވާތައް ވެސް ޖަމާވެފައިވަނީ މާލެ ސަރަހައްދަށެވެ.

"ނަފްސާނީ ބަލި މީހުންނަކީ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ފަރުވާ ބޭނުންވާ ބައެއް. އެހެންކަމުން، މިފަދަ މަރުކަޒެއްގައި އެ މީހަކު ދިގު މުއްދަތެއް ހޭދަކުރާއިރު، އެއީ އަނބުރާ މުޖުތަމައުއަށް ނުވަތަ އާއިލާއަށް ދެވޭނެ ފަދަ މާހައުލެއް ގާއިމުކުރެވެންޖެހޭ ތަނެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެނީ ވަރަށް ބޮޑަށް ސްޕެޝަލައިޒްޑް ހޮސްޕިޓަލް ނިޒާމެއްގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ނިންމެވި ނިންމެވުމަކީ، ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް، ޒަމާނީ ނިޒާމެއްގެ ތެރެއަށް އެ ޚިދުމަތް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450