ޚަބަރު
އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ ރަށްވެހިކަން ބަދަލުކުރެވޭ އިސްލާޙެއް މަޖިލީހަށް ހުށައަޅައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތައް
ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް، އެ ރަށެއްގައި ދިރިއުޅޭތާ ވަކި މުއްދަތެއް ވުމުގެ ކުރިން ރަށްވެހިކަން ބަދަލުކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮންނަ ގޮތުން، ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރު ދުވަހު ދިރިއުޅެފައިވާ މީހުންނަށެވެ. މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި އިސްލާހުގެ މަގުސަދަކީ މި ޝަރުތަށް ބަދަލު ގެނެސް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.
މި ބިލުގައި ހުށަހަޅާފައިވާ ގޮތުން، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ވާރުތައިން ބިން ލިބުމުން، ނުވަތަ ބިމެއް ގަތުމުން، ނުވަތަ ހިބައިން ނުވަތަ ކޯޓު ހުކުމަކުން ބިމެއް ލިބުމުން ރަށްވެހިކަން ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.
ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތްތަކުން އެފަދަ ޙައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަމާބެހޭ އިދާރާތަކުން އެ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
މި އިސްލާހުގެ ދަށުން އާ ރަށެއްގައި ރަޖިސްޓްރީވުމާއެކު، ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކުރަންވާނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްވެސް މީހަކަށް އެއް ރަށަށްވުރެ ގިނަ ރަށުގައި ރަށްވެހިވެފައި ނުހުރެވޭނެއެވެ.