Ads by Farudhun

ޚަބަރު

އީސީއަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

އީސީއަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ޝަކީލް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 12:03

23 ޖޫން 2026، 12:03

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ރިޕޯޓަށް ބިނާކޮށެވެ. އީސީގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފުއާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ކުރިން 1 ސެޕްޓެންބަރު 2013 އިން ފެށިގެން އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިން އޭނާ އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ގަބޫލުނުކުރެވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މާހައުލެއް ކުރިމަތިވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށާއި، މަސައްކަތް ކުރައްވާނީ ފުރިހަމަ މިނިވަންކަމާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، އޭނާ އީސީގެ މެންބަރަކަށް އައްޔަން ކުރެއްވުމުން ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެ ފަރާތްތަކުގެ ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހަމަހަމަކަމާއެކު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި، ޢަބްދުލްޙަސީބް އިސްމާޢީލް އަދި ރިފްޢަތު ޢަބްދުﷲ އެވެ. ޝަކީލް އައްޔަންކުރުމާއެކު ކޮމިޝަންގެ މެންބަރުންގެ އަދަދު ހަމަވާނެއެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450