ޚަބަރު
"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކޮށްފި
"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކުރުން. ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ 23 ޖޫން 2026 ގައި މީރުމާގައި ބޭއްވުނު "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގައެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.
މި ގްރާންޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަލްފާޟިލް އަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، "މެޗިންގ ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ" ކަމަށެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިއްމު ދައުރާ ގުޅޭގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. މިއީ މިނިސްޓްރީން ތަންފީޛުކުރަމުންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުން، މޫސުމީ ނުރައްކާތަކުން ތިމާވެއްޓާއި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލުމެވެ. އަދި ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.