ޚަބަރު
ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ
ހިމަބިހީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުން
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 22 އަށް އަރާފައެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު މާސްކު އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ، އެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގައި މަޑުކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ބަލިތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މަޢުލޫމާތަށް ބަރޯސާވުމަށް އެޗް.ޕީ.އޭ އިން ވަނީ އެދިފައެވެ. މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ އެއްބާރުލުން ބޭނުންވާކަން އެ އެޖެންސީން ފާހަގަކުރެއެވެ.