ޚަބަރު
ދުނިޔޭގެ ވިސްލްބްލޯވަރ ޑޭ ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
ދުނިޔޭގެ ވިސްލްބްލޯވަރ ޑޭ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: އެޗްއާރްސީއެމް
ދުނިޔޭގެ ވިސްލްބްލޯވަރ ޑޭ 2026 ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އާއި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް ގުޅިގެން މިއަދު ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ދެފުށް ފެންނަ، ޒިންމާދާރު އަދި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މި ދާއިރާއިން މަޝްވަރާކުރުމަށް ބޭއްވި ހަރަކާތެކެވެ.
މި ރަސްމިއްޔާތު ފައްޓަވައިދެއްވަމުން އެޗް.އާރް.ސީ.އެމްގެ ރައީސާ ޑރ. އާއިޝަތު ރަމީލާ ވަނީ ނޭދެވޭ ކަންކަން ހާމަކުރުމުގައާއި ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރުމުގައި ވިސްލްބްލޯވަރުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާއިޝަތު ރިޒްނާ ވަނީ، ކަންކަން އިސްލާހުކުރުމަށް އަޑުއުފުލާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމާއި އާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޕެނަލް މަޝްވަރާއާއި ހޭލުންތެރިކަން އިތުރުކުރުން
މި ހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް މަޝްވަރާގައި މުހިންމު މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މުހައްމަދު ސަނޫން މޮޑަރޭޓްކުރެއްވި މި މަޝްވަރާގައި މަރިޔަމް ރިފްނާ ލަތީފް (ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް)، މަރިޔަމް ތޫލާ ރިލްވާން (އޭ.ސީ.ސީ)، އާމިނަތު ރިފްގާ މުހައްމަދު (އެޗް.އާރް.ސީ.އެމް) އަދި މަރިޔަމް އަފްރާ މޫސާ (ޓްރާންސްޕޭރެންސީ މޯލްޑިވްސް) ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލިސްޓުން ވަނީ ރާއްޖޭގައި ވިސްލްބްލޯވަރުންނަށް ރައްކާތެރިކަން ދިނުމުގައި ލިބިފައިވާ ކުރިއެރުންތަކާއި، މިހާރު ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ނަޒާހަތްތެރިކަމުގެ ސަގާފަތެއް ގާއިމުކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. މި މަޝްވަރާއަށްފަހު ބޭއްވުނު ސުވާލާއި ޖަވާބު ސެޝަންގައި ބައިވެރިންނަށް ޕެނަލިސްޓުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
މި ދުވަހުގެ މުނާސަބަތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ކުރިއަށްގެންދިޔަ ވީޑިއޯ މުބާރާތާއި އޮންލައިން ކުއިޒް މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. މުބާރާތުގެ ވަނަވަނައަށް ހޮވުނު ވީޑިއޯތައް ރަސްމިއްޔާތުގައި ދައްކާލާފައިވާއިރު، މި ވީޑިއޯތަކުން ވަނީ ނޭދެވޭ ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަން ވަރަށް އުފެއްދުންތެރިކަމާއެކު ހުށަހަޅައިދީފައެވެ.
މި ހަރަކާތް ނިންމާލާފައިވަނީ ހުރިހާ ބައިވެރިންނާއެކު ނެގުނު ގްރޫޕް ފޮޓޯއަކުންނެވެ. މި ދުވަހުގެ ހަރަކާތްތަކުން ހަނދާންކޮށްދިނީ ދެފުށް ފެންނަ އަދި ޒިންމާދާރު ނިޒާމެއްގެ ތެރެއިން، ކުށްތަކާއި ނޭދެވޭ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަކީ އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމެވެ.