Ads by Farudhun

ޚަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް 20 ރަށެއްގައި ނާސަރީ ޤާއިމްކުރަނީ

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް 20 ރަށެއްގައި ނާސަރީ ޤާއިމްކުރަނީ

ގަސްއިންދުމުގެ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

23 ޖޫން 2026، 08:07

23 ޖޫން 2026، 08:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، 20 ރަށެއްގައި ނާސަރީ ޤާއިމްކުރުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި 10 ރަށެއްގައި ނާސަރީ ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީ ދިނުމަށް މިއަދު ސޮއިކޮށްފައި ވަނީ 10 ރަށެއްގެ ކައުންސިލާ ދެމެދުއެވެ.

މި މަޝްރޫޢު 2024ގައި އިފްތިތާޙުކޮށްފައިވާއިރު، މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ހިނގާ 2026 ވަނަ އަހަރު އިތުރު 1 މިލިއަން ގަސް އިންދުމެވެ. 

މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:

  • ހއ. ކެލާ
  • ށ. މިލަންދޫ
  • ނ. ކެނދިކުޅުދޫ
  • ރ. އިންނަމާދޫ
  • ބ. މާޅޮސް
  • އއ. މަތިވެރި
  • މ. މުލައް
  • ތ. ކިނބިދޫ
  • ގއ. ދާންދޫ
  • ގދ. ތިނަދޫ ސިޓީ

 މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. 

މިއަދު ސޮއިކުރި އެއްބަސްވުމުގައި ބުނެފައިވާގޮތުން، ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި އަހަރުގެ ތެރޭގައި އިތުރު ރަށްތަކެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450