ޚަބަރު
އާބާދީގެ ސިއްޙީ ހާލަތު ދެނެގަތުމަށް "މިކްސް" ސަރވޭއެއް ފެށުމަށް ނިންމައިފި
ދިވެހި އަންހެން ކުދިންތަކެއް. ފޮޓޯ: ޑަބްލިޔުއެޗްއޯ
ރާއްޖޭގެ އާބާދީގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި، މިއަހަރުގެ ތެރޭގައި "މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ" (މިކްސް) ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މުޅި ރާއްޖެ ހިމެނޭ ފެންވަރުގައި އަދި ދިރާސާއެއް ހެދިފައި ނެތް ކަމަށާއި، ނަމަވެސް ސަރުކާރުން ވަރަށް އަވަހަށް މި ސަރވޭ ފެށުމަށް އުންމީދުކުރާ ކަމަށެވެ. މި ދިރާސާގައި ނަފްސާނީ ސިއްޙަތާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ހިމެނޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިކްސް" ސަރވޭއަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ދިރާސާއެކެވެ. މީގެ ދަށުން އާބާދީގެ ސިއްޙީ ހާލަތުގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ހިމެނޭހެން 100 އަށްވުރެ ގިނަ މިންގަނޑުތަކަށް މައުލޫމާތު އެއްކުރެވޭނެއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދުރުރާސްތާ ޕްލޭންތަކާއި ސިޔާސަތުތަކަށް ބޭނުންވާ ތަފާސްހިސާބުތައް އަދާހަމަކުރުމެވެ.
މިފަހަރުގެ ސަރވޭގައި މެންޓަލް ހެލްތާއި ބޯފެނުގެ ކޮލިޓީ ޓެސްޓުކުރުން ފަދަ މުހިންމު ބައިތަކެއް ހިމެނުމަށް ވަނީ ރާވާފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މައިކްރޮނުއިޓްރިއެންޓް ސާރވޭ" ވެސް މި ސަރވޭގެ ތެރޭގައި ހިމަނައިގެން އެއްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަށް ބޭނުންވާ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، މިކްސް ސަރވޭއަށް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން 10 މިލިއަން ރުފިޔާ އަދި މައިކްރޮނިއުޓްރިއެންޓް ސާރވޭއަށް 5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި އެންމެ ފަހުން މިކްސް ސަރވޭއެއް ހަދާފައިވަނީ 1996 އަދި 2001 ވަނަ އަހަރުގައެވެ. އަދި ޤައުމީ ފެންވަރުގެ އެންމެ ބޮޑު ސިއްޙީ ދިރާސާއެއްގެ ގޮތުގައި 2016-2017 ގައި ކުރިއަށްގެންދިޔައީ "ޑިމޮގްރަފިކް ހެލްތު ސާރވޭ" އެވެ.