ޚަބަރު
ޗައިނާގެ ކްރޫޒް ލައިނަރ އެއް ފުރަތަމަފަހަރަށް ރާއްޖެއަށް ބަނދަރުކޮށްފި
ވައިކިންގް ޔިދުން ފޮޓޯ: އިމިގްރޭޝަން
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނަރު ކަމަށްވާ "ވައިކިންގް ޔިދުން" މިއަދު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ބަނދަރުކޮށްފިއެވެ. މި އުޅަނދަށް މަރުޙަބާ ކިޔުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް ގުޅިގެން މިއަދު ހެނދުނު 07:00 ގައި މާލޭގެ އެއް ނަންބަރު ފާލަން ސަރަޙައްދުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިއީ ޗައިނާގެ ކްރޫޒް މަނަވަރެއް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ކްރޫޒް ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އުޅަނދުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެމް.އޭ.ސީ.އެލް ގެ އެސްޓޭޓް ބޮޑުބެރު ގްރޫޕުން ވަނީ ދިވެހި ސަގާފީ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރާ ތަކެއްޗާއި ހަނދާނީ ހަދިޔާ ހިމެނޭ "ޓޯޓް ބޭގް" ބަހާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ރާއްޖޭގެ މެހެމާންދާރީއާއި ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި މަސައްކަތަކީ ދުނިޔޭގެ މަތީ ފަންތީގެ މާކެޓްތަކަށް ރާއްޖެއަކީ ކްރޫޒް ދަތުރުފަތުރަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މިއީ ސަރުކާރުގެ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅޭ ބާރެކެވެ.
ވިޒިޓް މޯލްޑިވްސް އާއި މަޔާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޔޮޓް އަދި ކްރޫޒް ޓޫރިޒަމްގެ އެންމެ ކުރިއަރާފައިވާ މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި ފަދަ ޕާޓްނަޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މުއްސަނދި ސަގާފަތް ދުނިޔޭގެ ފެންވަރުގައި އިތުރަށް ބަބުލައިގެންދާނެއެވެ.
Seaport officers facilitated immigration en-route clearance for 732 passengers and 486 crew members aboard the MS Viking Yi Dun, which arrived in Malé today from Colombo, Sri Lanka. pic.twitter.com/Bd3YC7wb00
— Maldives Immigration (@ImmigrationMV) June 23, 2026
މިއަދު ހެނދުނު މާލެއަށް ބަނދަރުކުރި "ވައިކިންގް ޔިދުން" މާލޭގައި މަޑުކުރުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 18:00 ގައެވެ.