ޚަބަރު
ސިސްޓެމިކް ޕެސްޓިސައިޑް ބޭނުންކުރާނެ ގޮތުގެ ފަންނީ އިރުޝާދު ހއ. ބާރަށުގައި ދީފި
އ. ބާރަށުގައި ކުރިޔަށްދިޔަ ހަރަކާތުގެ ތެރެއިން. ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
"ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް" އިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ސިސްޓެމިކް ޕެސްޓިސައިޑް ބޭނުން ކުރާނެ ގޮތުގެ ފަންނީ އިރުޝާދު ހއ. ބާރަށުގައި ދީފައިވާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިނިސްޓަރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނަކަން ހާމަކުރައްވާ ވިދާޅުވެފައިވަނީ މިއީ ހުދުކޫޑި(ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށް ފޯރުކޮށްދީފައިވާ ޕެސްޓިސައިޑް ކަމަށެވެ.
ހުުދުކޫޑި(ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށް، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް" އިން ވަނީ ސިސްޓެމިކް ޕެސްޓިސައިޑް ފޯރުކޮށްދީފަ. މި ބޭސް ބޭނުންކުރާނެ ފަންނީ އިރުޝާދު ދިނުން ވަނީ ހއ. ބާރަށުގައި ކުރިޔަށް ގެންގޮސްފަ. pic.twitter.com/eCNGdQOrvJ
— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 25, 2026
ހުދުކޫޑިއަކީ ދަނޑުތަކަށް އެތައް ގެއްލުމެއްދޭ ސުއިއްޕެކެވެ. އޭގެ ސަބަބުން ގަސްތަކަށް ބަލިޖެހި، ގަސްތަކުގެ ފެންވަރު ދަށްވުމަށް މަގުފަހިވެއެވެ. އަދި މިއީ ވަރަށް ބޮޑަށް ފެތުރޭ އެއްޗެކެވެ. ހިސްޕިޑް ބީޓްލްއަކީ ގަސްތައް ހެދި ބޮޑުވުމަށް ބޭނުންވާ ފޮޓޯސިންތެސިސް ދަށްކުރާ، ދަނޑުތަކަށް ގެއްލުންދޭ ސުއިޕެކެވެ. މިސޫފީގެ ސަބަބުން ބޮޑަށް ގެއްލުން ލިބެނީ އަލަށް ހެދޭ ކުދި ގަސްގަހަށެވެ.
މި ސޫފިތަކުން ސަލާމަށްވުމަށް ކުރީބައިގައި ފިޔަވަޅުއެޅުން މުހިންމެވެ. އެގޮތުން ދަނޑުތަކުގެ ހާލަތު ގަވާއިދުން ބަލައި، ޕެސްޓް ކޮންޓްރޯލް ކުރުމަށް ގެންގުޅޭ އުކުޅުތަކުގައި ހިފުމަކީ ކުރެވިދާނެ އެއްކަމެވެ. ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕެސްޓިސައިޑްއިން މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބުންގާތެވެ.
ދަނޑުވެރިން ލިބޭ ގެއްލުންތަކުގެ މައްސަލަ ހައްލުކުރުމަށް ޗައިނާ ސަރުކާރުގެ އެހީ ހޯދަމުންދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނޑުވެރިންނަށް ލުއިފަސޭހަކޮށްދެއްވުމުގެ ގޮތުން ގެންދަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ހދ. ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަކޮށް އިންތިޒާމު ކުރެވުނު ފެރީގެ ހިދުމަތް ފާހަގަކޮށްލެވެއެވެ.