ކުޅިވަރު
ކުރެންދޫ ބަލިކޮށް ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ހުރާއިން ދެވަނަ ބުރާ ގާތަށް ޖެހިލައިފި
ގޯލު ކާމިޔާބު ކުރުމަށްފަހު އަރީން އަބްދުﷲ އިބްރާހިމް އުފާފާޅު ކުރަނީ--- ފޮޓޯ: މިހާރު
ހުލާސާ
- ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ބުރާސްފަތި ދުވަހުގެ ހަވިރު ކުޅުނު ގްރޫޕް-ސީގެ މެޗުގައި ހުރާ އިން ކުރެންދޫ 1-0 އިން ބަލިކޮށް، ދެވަނަ ބުރުގެ އުއްމީދު އައުކޮށްފި.
- މެޗުގެ ނަތީޖާއަށް ބަދަލު ގެނައި ގޯލު ހުރާ އިން ކާމިޔާބުކުރީ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ބުރާސްފަތި ދުވަހުގެ ހަވިރު ކުޅުނު ގްރޫޕް-ސީގެ މެޗުގައި ހުރާ އިން ކުރެންދޫ 1-0 އިން ބަލިކޮށް، ދެވަނަ ބުރުގެ އުއްމީދު އައުކޮށްފިއެވެ.
މި މެޗުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ކުރެންދޫއަށް އުނދަގޫވީ އެ ޓީމުގެ މެދުތެރެއިން ކުޅެމުން ދިޔަ އަބްދުﷲ ނަބާހު އަހުމަދު ކުރި ފައުލަކަށް، ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދެއްކުމުންނެވެ. ނަބާހުއަށް ރަތްކާޑު ދައްކާފައިވަނީ ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށެވެ. އެހެންކަމުން މެޗުގެ ބޮޑުބައެއްގައި ކުރެންދޫއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ނަތީޖާއަށް ބަދަލު ގެނައި ގޯލު ހުރާ އިން ކާމިޔާބުކުރީ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް އީގަސްލްސްއަށް ކުޅެފައިވާ އަރީން އަބްދުﷲ އިބްރާހިމްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ދެ މެޗުން ލިބުނު 3 ޕޮއިންޓުން ހުރާ ވަނީ ގްރޫޕްގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފުރަތަމަ މެޗު އެ ޓީމަށް ގެއްލުނީ ގުރައިދޫއާ ކުޅެގެނެވެ. އެ މެޗު ގުރައިދޫއިން ކާމިޔާބުކުރީ 3-1 އިންނެވެ.
އަނެއްކޮޅުން ކުރެންދޫ ފުރަތަމަ މެޗުގައި ވަނީ އައްޑޫ ސިޓީއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން އެ ޓީމު އޮތީ 1 ޕޮއިންޓާއެކު ލީގުގެ 4 ވަނައިގައެވެ. ދެވަނަ ބުރަށް ދިއުމަށް އެ ޓީމަށް ދެން ޖެހޭނީ ގުރައިދޫ ބަލިކުރާށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރުގައެވެ.
ގްރޫޕް ސްޓޭޖުގައި ހުރާ ދެން ކުޅެން ޖެހޭނީ އައްޑޫ ސިޓީއާއެވެ. އެ މެޗު އޮންނާނީ 2 ޑިސެމްބަރުގެ ރޭގަނޑުއެވެ.