Ads by Farudhun

ޚަބަރު

ސިޓީ ކައުންސިލުން މިނިސްޓްރީއާ ހަވާލުނުކޮށް ދިގުލައިގެންދިޔަ "އުސްގެކޮޅު" އަށް ބަޔަކު ގެއްލުންދީފި

ސިޓީ ކައުންސިލުން މިނިސްޓްރީއާ ހަވާލުނުކޮށް ދިގުލައިގެންދިޔަ "އުސްގެކޮޅު" އަށް ބަޔަކު ގެއްލުންދީފި

"އުސްގެކޮޅު"ގެ ފާރެއްގައި ގްރެފިޓީ ކުރުހާފައި / ފޮޓޯ: މިނިސްޓްރީ

farudhun logo

ފަރުދުން

25 ޖޫން 2026، 04:04

25 ޖޫން 2026، 04:04

ދިވެހިރާއްޖޭގެ ތާރީޚީ ބިނާއެއް ކަމަށްވާ "އުސްގެކޮޅު" ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާ ހަވާލުކުރުން ލަސްވެފައި ވަނިކޮށް، އެ ތަނަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން، އެތަނުގެ ތަޅުދަނޑި އާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެއެވެ. ނަމަވެސް، މިހާތަނަށް ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ އެތަން ހަވާލުކޮށްފައި ނުވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އުސްގެކޮޅު ހަވާލުކުރުމުގެ މަރުހަލާ މިހާތަނށް ކުރިޔަށްގެންގޮސްފައި ނުވާއިރު، އެ ތަނުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނުގެ ސިފަ ގެއްލޭގޮތަށް ބަޔަކު ވަނީ ގެއްލުންދީފައެވެ. މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މި އަމަލު ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިނިސްޓްރީން ބުނީ މި މައްސަލަ ބަލައި، ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އުސްގެކޮޅަށް ގެއްލުންދީފައި / ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު (1893-1903) އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައެވެ. އަދި މީގެ 74 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވާފައިވަނީ މި އިމާރާތުގައެވެ.

އެދުވަސްވަރުގެ ފަރުމާ އާއި ޢިމާރާތްކުރުމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކައިދޭ މި ބިނާއަށް ދޭ މިފަދަ ގެއްލުންތަކުގެ ސަބަބުން، ތަނުގެ ސަގާފީ އަގަށް ބޮޑެތި އަސަރުތަކެއްކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތް ކަމަށް ތާރީޚީ މާހިރުން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450