ޚަބަރު
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލްގެ ސަބަބުން އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
"ހާބަރ ޕޯޓަލް"ގެ ނަމުގައި ތަޢާރަފުކުރެވުނު މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. މިގޮތުން، އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއޭސީއެލް އިން ބުނީ ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް ރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ފަހު މަރުހަލާގައި 'ހާބަރ ޕޯޓަލް' ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ކޮންމެ އުޅަނދަކުންވެސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެއެވެ. މިއީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ޑިޖިޓަލައިޒްކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.