ޚަބަރު
ރާއްޖެއިން ބޭރުގައި ދިވެހިން ހިންގާ ޓްރާންސެކްޝަންތައް ފާއިތުވި ތިން އަހަރުގެ ތެރޭގައި ދެގުނަވެއްޖެ
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ތަރުޖަމާނު / ފޮޓޯ: ރައީސް އޮފީސް
ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ވިޔަފާރި މުޢާމަލާތްތަކާއި އޮންލައިން ޓްރާންސެކްޝަންތަކުގެ އަދަދު ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު އޮތް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ޑޮލަރުގެ މުޢާމަލާތްތައް ލިމިޓުކޮށްފައި ވަނީ ބޭރު ފައިސާގެ މުޢާމަލާތްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން ކަމަށެވެ.
ތަރުޖަމާނު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުން ރާއްޖެއިން ބޭރުގައި ކޮންމެ މަހަކު އެވަރެޖުކޮށް ހަދާފައިވަނީ 180،000 އާއި 190,000 އާ ދެމެދުގެ އަދަދެއްގެ ޓްރާންސެކްޝަނެވެ. ނަމަވެސް، މި އަދަދު މިހާރު ވަނީ މަހަކު 3 ލައްކައަށް ވުރެ މައްޗަށް އަރާފައެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް އެވަރެޖުކޮށް 25 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ހަދާފައިވާއިރު، މިހާރު އެ އަދަދު ވަނީ 50 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 100 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަދަދުތަކަށް ބަލާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ ބޭންކުތަކަށް ދެވެން އޮތް އެންމެ ބޮޑު އަދަދަކަށް ޑޮލަރު ދޫކުރަމުން. އެހެންނަމަވެސް، އޮންލައިން ޓްރާންސެކްޝަންތައް ގިނަކަމުން އެވަރުން ވެސް ދަތިތަކާ ކުރިމަތިވަނީ.
ތަރުޖަމާނު ވިދާޅުވިއެވެ.
މުޙައްމަދު ޙުސައިން ޝަރީފް އިތުރަށް ވިދާޅުވީ، ޑޮލަރުގެ މުޢާމަލާތްތަކަށް ލިމިޓުތަކެއް ގެންނަން ޖެހެނީ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރިޒާވްގެ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެމްއެމްއޭގެ ރިޒާވްގައި ވަކި މިންވަރަކަށް ފައިސާ ބަހައްޓަން ޖެހޭތީ، މިފަދަ ނިންމުންތައް ނިންމަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަކިވަކި ކަންކަމަށް ބަލައި، މި ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަވާނެ ގޮތަކަށް މާލީ ކަންކަން ތަރުތީބު ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.