ޚަބަރު
ބީއެމްއެލްގެ ހައުސިން މަޝްރޫޢަށް އިތުރު 710 ޔުނިޓު އިތުރުކުރަން ނިންމައިފި
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް / ފޮޓޯ: ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ހައުސިން މަޝްރޫޢުގެ ތެރެއަށް 710 ޔުނިޓު އިތުރުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު އޮތް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އެ މަޝްރޫޢަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.
ބީއެމްއެލްއިން ކުރިޔަށްގެންދާ ހައުސިން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި. އަދި ބީއެމްއެލްގައި ކެޕޭސިޓީ ހުރުމުން މިހާރު ކުރިޔަށްގެންދާ 3،260 ޔުނިޓުގެ އިތުރުން، 710 ހައުސިން ޔުނިޓު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.
ތަރުޖަމާނު ވިދާޅުވިއެވެ.
ޙުސައިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި ބިއެމްއެލްއާ ހަވާލުކުރި ހައުސިން މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވާ އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް ޑިޒައިންގެ ކުރެހުންތައް މިހާރު ވަނީ ނިމިފައެވެ. އެހެންކަމުން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާ ހިސާބަށް މިހާރު ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ މިންވަރު ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ކުރިޔަށް ގެންދަނީ ދަރަނި ދެއްކުމާއި ތަރައްޤީގެ މަޝްރޫޢުތައް ބެލެންސްކޮށްގެން ކަމަށެވެ.
ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިޔަށްދާއިރު، ސަރުކާރުން މަސައްކަތް ކުރަނީ ދަރަންޏާއި ތަރައްޤީގެ މަޝްރޫޢުތައް ބެލެންކޮށްގެން ކުރިޔަށް ގެންދިއުމަށް.
ތަރުޖަމާނު ވިދާޅުވިއެވެ.
އެގޮތުން މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައި ކުރިއަށް ދިޔަނަމަވެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަށްދާއިރު ރައްޔިތުން އެދޭ އަސާސީ ޚިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެކަން ފާހަގަކުރެއްވިއެވެ.
އަދި މާލިއްޔަތު ރަނގަޅު ކުރަމުން އިޤުތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.