ޚަބަރު
މ. މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސް އޮފީސް
މީމު އަތޮޅު މުލަކުގައި ތަރައްޤީކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު، މެޑަމް ސާޖިދާ ވަނީ އެތަނުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރގީލާ ޢަލީގެ އިތުރުން މުލަކު ކައުންސިލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މުލަކު އެފްއާރުސީއަކީ 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ތަރައްޤީކުރުމުގެ މަސައްކަތް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ ނުނިމި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް މަޝްރޫޢެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން މި މަޝްރޫޢު ވީއެންމެ އަވަހަކަށް ނިންމަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އަހަރެއްހާ ދުވަހުގެ ތެރޭގައި މިވަނީ މަސައްކަތް ނިންމައި ހުޅުވާފައެވެ.
މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ސެންޓަރުގައި ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ބިލިއާރޑް، ޓޭބަލް ޓެނިސް އަދި ކެރަމް ކުޅެވޭނެ އިންތިޒާމުތަކުގެ އިތުރުން، 2 ބެޑްމިންޓަން ކޯޓާއި، 2 ވޮލީ ކޯޓު މިތަނުގައި ހިމެނެއެވެ. މީގެ އިތުރުން ފާހާނާ ބަރިއަކާއި އޮފީސް ރޫމެއްވެސް މި ސެންޓަރުގައި ވަނީ ޤާއިމުކޮށްފައެވެ.
މި ސެންޓަރު ހުޅުވުމަކީ މުލަކުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. އަދި މިއީ ރަށުގެ އިޖުތިމާއީ އަދި ހަށިހެޔޮކަމުގެ ހަރަކާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރަށު ކައުންސިލުން ފާހަގަކުރެއެވެ.