ޚަބަރު
ރައީސް މުޢިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން، ހުސައިން ވަހީދަށް ތަރުޖަމާނުގެ ވަރުގަދަ ރައްދެއް
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި، އެކަމަށް ކޮންމެ ތަނެއްގައިވެސް ހެކިވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން، "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ އިއްޔެގެ ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ހުސައިން ވަހީދު އެ ކުރައްވާ ތުހުމަތުތަކާ ގުޅިގެން އެ ވިދާޅުވާ ހުވަޔެއް ކުރަން ވަޑައިގަންނަވަންވީ ކަމަށެވެ. އަދި އެފަދަ ހުވައެއް ކޮށްފި ނަމަ، އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ ދައުލަތުގެ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހުސެއިން ވަހީދު ހިންގަވާ ހުވާކޮށްލަން، އަޅުގަނޑު ހުސެއިން ވަހީދު ކައިރީ ހުންނާނަމޭ،" އޭރު ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ނޫމަޑި މައްސަލައިގައި ރައީސް މުޢިއްޒުގެ އެއްވެސް ކުށެއް ނެތްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި، ނަމަވެސް ހުސައިން ވަހީދުގެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް ނޫމަޑި ކުންފުންޏާ ހަވާލުކުރި ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން ބާތިލުކުރީ ރައީސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ.
މި މައްސަލައިގައި ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން، ރައީސް މުޢިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް ދައުވާ އުފުލިއެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ރައީސް މުޢިއްޒުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.