ޚަބަރު
ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި
އެމްއެންޑީއެފަށް ހަނދާނީ ފިލާ ހަވާލުކުރުން. ފޮޓޯޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ އައްޑަނަ އާއި ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ އާދީއްތަ ދުވަހުގެރޭ އަރުވައިފިއެވެ.
ހަނދާނީ އައްޑަނަ އާއި ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ހަނދާނީ އައްޑަނަ ލިބުނު މުއައްސަސާތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އިންޑިއާ ހައި ކޮމިޝަން، ޖަޕާން އެމްބަސީ، ޗައިނާ އެމްބަސީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އަދި ޔޫއެންއޯޑީސީ ހިމެނެއެވެ.
ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، އެމެރިކާގެ އެމްބަސީއަށް ވަނީ ޚާއްޞަ ހަނދާނީ ރަން ފިލާ އަރުވާފައެވެ. މިއީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް އެ އެމްބަސީން ވެދެއްވާފައިވާ ބޮޑު އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ފިލައެކެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިސްލާމިކް ބެންކް، ކްރިމިނަލް ކޯޓް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް، އެމްޓީސީސީ އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެއެވެ.
މި ޖަލްސާގައި އާންމު ފަރުދުންގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް، ކ. ކާށިދޫ، މާވިނަ، އަލްފާޟިލް އަޙްމަދު ޔާސިރަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މި ހަފްލާއަކީ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.