ޚަބަރު
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް އަންނަ އަހަރު އައު ހަރުފަތަކަށް!
މިނިސްޓަރު އިހުސާން އަދި ރައީސުލްޖުމުހޫރޮއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، އެފަދަ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން ހިންގާ އޮޕަރޭޝަންތައް އަންނަ އަހަރު އިތުރަށް ވަރުގަދަކޮށް، އޭގެ ފުރިހަމަ ނަތީޖާ ނެރުއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މިއަހަރުގެ ތެރޭގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ގޭންގުތަކުން ރަށްރަށުގެ އަމަންއަމާންކަން ނަގާލުމަށް ކުރަމުންދިޔަ ކަންކަން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ 'ސިކުންޑިއާއި ނަފްސު ތަރައްޤީކުރުމުގެ ސiޔާސަތުގެ ދަށުން، ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތައް އެ ކަންކަމުން ދުރުކޮށް، އަލުން މުޖުތަމައަށް ރުޖޫޢަވުމުގެ މަގު ފަހިކޮށްދިނުމަށް އަންނަ އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފެންމަތިވަމުންދާ ސައިބަރ ކްރައިމް، އޮންލައިން ފްރޯޑް އަދި ޑިޖިޓަލް އެކްސްޕްލޮއިޓޭޝަން ފަދަ އައު ގޮންޖެހުންތަކަށް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިފަދަ ޒަމާނީ ކުށްތަކާ ކުރިމަތިލުމަށްޓަކައި، ފުލުހުންނަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތަކާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ފާއިތުވި އެއް އަހަރުގެ ތެރޭގައި އެކަނިވެސް ފަސް ރަށެއްގައި ފުލުހުންގެ އައު މަރުކަޒުތައް ބިނާކޮށް ޚިދުމަތް ދޭން ފަށާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ހުރީ އެންމެ 17 ރަށުގައެވެ. ނަމަވެސް، މި ދައުރު ނިމުމުގެ ކުރިން ފުލުހުން ޤާއިމުވެތިބޭ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ބިނާކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.