ޚަބަރު
މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ހަމަލާއެއްދީ ޒަޚަމްކޮށްލައިފި
މަތިވެރި ދާއިރާގެ މެމްބަރު ޒަރީޒް. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް މާލޭގައި ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި ޒަރީރަށް މި ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޒަރީރަކީ މީގެ ތިން އަހަރު ކުރިން އެމްޑީޕީން ވަކިވެ، މިހާރު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރެކެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ތެރޭގައި ވެސް ޒަރީރަށް މިފަދަ ނުރައްކާތެރި ހަމަލާއެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.
ކުރިން ހިނގި ހާދިސާއަށް ބަލާއިރު، 1 މެއި 2023 ގެ ފަތިހު 03:30 ހާއިރު ގަލޮޅުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި އިންނަވަނިކޮށް ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނެވެ. އެ ހަމަލާގައި އޭނާގެ ބޯ ފަޅައިގެން ގޮސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.
އެ ހާދިސާއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. ނަމަވެސް، ޒަރީރު އޭނާގެ ބަޔާން އަނބުރާ ގެންދިއުމާ ގުޅިގެން ކޯޓުން ވަނީ އެ ތިން މީހުން ސަލާމަތްވެފައެވެ. ޒަރީރު އޭރު ވިދާޅުވެފައިވަނީ ގައްބަރޭއަކީ އޭނާގެ "ގާތް އެކުވެރިއެއް" ކަމަށާއި އޭނާ ދޫކޮށްލުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިފަހަރު ދިން ހަމަލާއާ ގުޅޭގޮތުން މެންބަރު ޒަރީރުގެ ބަހެއް ނުވަތަ ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެއެވެ.