ކުޅިވަރު
ޕެނަލްޓީގައި ޖަރުމަނު ބަލިކޮށް، ވޯލްޑް ކަޕްގެ ގަދަ 16 އަށް ޕެރަގުއޭ ދަތުރުކޮށްފި
ޕެރަގުއޭއަށް މެޗު ކާމިޔާބުކުރެވުނު ޕެނަލްޓީއަށްފަހު އެ ޓީމުން އުފާފާޅުކުރަނީ---
ވޯލްޑް ކަޕްގެ ނޮކްއައުޓް ފުރަތަމަ ބުރުން ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުވިލާތަށް އަލްވަދާއު ކިޔަންޖެހިއްޖެއެވެ. އެ ޓީމު ކެޓީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށްފަހު، އިތުރު ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ޕެރަގުއޭ ކުރިހޯދުމުންނެވެ..
މި މެޗުގައި ޖަރުމަނުގެ އާސެނަލް ފޯވާޑް ކައި ހާވަޓްޒް އާއި ނިއުކާސަލްގެ ނިކް ވޮލްޓެމޭޑް ފޮނުވާލި ޕެނަލްޓީތައް ޕެރަގުއޭގެ ކީޕަރު އޮލަންޑޯ ގިލް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް، ޕެރަގުއޭގެ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވުމާއި، ފަބިއަން ބަލްބުއޭނާ ފޮނުވާލި ޕެނަލްޓީ 40 އަހަރުގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ހުއްޓުވުމުން، މެޗުން މޮޅުވުމަށް ޕެރަގުއޭއަށް ލިބުނު ދެ ފުރުސަތެއް ވަނީ ގެއްލިފައެވެ.
މެޗުގެ ނަތީޖާ ކަނޑައެޅުނީ 'ސަޑަން ޑެތު' ގައެވެ. ޖަރުމަނުގެ ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ގޯލުގެ މަތިން، ބޭރަށް ދިޔައިރު، ޕެރަގުއޭގެ ޑިފެންޑަރު ހޯސޭ ކަނާލޭ ވަނީ އޭނާ ޖެހި ޕެނަލްޓީ ގޯލަށް ވައްދާލައި، 4-3 ގެ ނަތީޖާއަކުން އެޓީމު ގަދަ 16 އަށް ގެންގޮސްދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޕެރަގުއޭއަށް ލީޑު ނަގައިދިނީ، ކުރިން ޕްރިމިއާ ލީގުގެ ބްރައިޓަން އާއި އިޕްސްވިޗަށް ކުޅުނު ހޫލިއޯ އެންސީސޯއެވެ. އެހެންނަމަވެސް، ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ލިވަޕޫލްގެ މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ނަގައިދިން ހުރަހަކުން ކައި ހާވަޓްޒްއެވެ.
ޕެރަގުއޭގެ ވަރުގަދަ ޑިފެންސާއެކު މެޗު އިތުރު ވަގުތަށް ދިޔައިރު، ޖަރުމަނުގެ ޖޮނަތަން ޓާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް ވަދެ، އެޓީމު މޮޅުވި ކަމަށް ހީވި ވަގުތުކޮޅެއް ދިޔައެވެ. ނަމަވެސް ޖަރުމަނުގެ ވަލްޑެމާ އެންޓަން، ޕެރަގުއޭގެ ކީޕަރަށް ފައުލްކުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ބަލައެއް ނުގަތެވެ.
ގަދަ 16 ގައި އަންނަ ހޮނިހިރު ދުވަހު ފިލަޑެލްފިއާގައި ޕެރަގުއޭ ބައްދަލުކުރަން ޖެހޭނީ، ދެ ފަހަރުގެ ޗެމްޕިއަން ފްރާންސް ނުވަތަ 1958 ވަނަ އަހަރުގެ ރަނަރަޕް ސްވިޑަންއާއެވެ.
ޖަރުމަނުވިލާތުން 1954، 1974، 1990 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ބޭއްވި ތިން މުބާރާތުގައިވެސް އެ ގައުމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން 2018 ވަނަ އަހަރު މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެ، ގްރޫޕްގެ އެންމެ ފުލަށް ދިޔުމުން މުބާރާތުން ވަކިވާން ޖެހުނުއިރު، 2022 ވަނަ އަހަރު ވެސް ޖަޕާން އަތުން ބަލިވެ ގްރޫޕްގެ ތިންވަނަ ލިބުމާއެކު ދެވަނަ ބުރަށް ނުގޮސް މުބާރާތުން ވަނީ ކަޓާފައެވެ.
މި އަހަރުގެ މުބާރާތުން ޖަރުމަނު ވަކިވާން މި ޖެހުނީ، މުބާރާތް ފެށުނުއިރު ފީފާ ރޭންކިންގެ 41 ވަނައިގައި އޮތް ޕެރަގުއޭ އަތުން ބަލިވުމުންނެވެ. މިއީ ޖަރުމަނަށްވުރެ 31 ދަރަޖަ ފަހަތުގައި އޮތް ޓީމެއް އަތުން ވޯލްޑް ކަޕްގައި ލިބުނު ލަދުވެތި ނާކާމިޔާބީއެކެވެ.