ޚަބަރު
ވިޒިޓް މޯލްޑިވްސްއިން ބައިލައްކަ ރުފިޔާ އިނާމު ލިބޭ ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް
ރާއްޖޭގެ ގުދުރަތީ މަންޒަރެއް
ހުލާސާ
ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ނަޒަރުން ރާއްޖޭގެ ރީތިކަން ދުނިޔެއަށް ހާމަކޮށްދިނުމުގެ މަޤްޞަދުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ދިސް އިޒް މައި މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް އިފްތިތާޙްކޮށްފިއެވެ.
މި މުބާރާތް ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ވީއެމްސީން ތަރައްޤީކުރި ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސް "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
"ދިސް އިޒް މައި މޯލްޑިވްސް" މުބާރާތަކީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، މީހުންނާއި، ސަޤާފަތާއި، ތިމާވެށި އަދި ދިވެހިންގެ ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެވެ. ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރީތިކަމާއި، ސަޤާފީ މުއްސަނދިކަން އަދި ދިވެހިންގެ އާންމު ދިރިއުޅުން ފޮޓޯގެ ޒަރީއާއިން ބައިނަލްއަޤުވާމީ މައިދާނުގައި ދައްކާލުމެވެ.
މި މުބާރާތް ކުރިއަށްދާނީ 1 ޖުލައިން ފެށިގެން 30 ސެޕްޓެމްބަރގެ ނިޔަލަށެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ ކަމަށް ވީއެމްސީން ބުނެއެވެ. ފޮޓޯގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، މުބާރާތަށް ހުށަހަޅާ ފޮޓޯތައް ރާއްޖެ އިޝްތިހާރު ކުރުމަށާއި، ރަސްމީ އެކި ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ލިބިގެންދާނެއެވެ.
މި މުބާރާތާއެކު އިފްތިތާޙްކުރެވުނު "ކްރިއެޓޯލް" ޕްލެޓްފޯމަކީ ރާއްޖޭގެ ފަންނުވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ބޭރުގެ މިޝަންތަކާ ގުޅުވައިދޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.