ކުޅިވަރު

ޖަރުމަނުގެ ދެ ޕެނަލްޓީ ހިފެހެއްޓި ގިލްގެ ދިރިއުޅުމުން ތަފާތު ވާހަކައެއް

ޖަރުމަނުގެ ދެ ޕެނަލްޓީ ހިފެހެއްޓި ގިލްގެ ދިރިއުޅުމުން ތަފާތު ވާހަކައެއް

ި ޕެރަގުއޭގެ ގޯލްކީޕަރު އޯލަންޑޯ / ފޮޓޯ: ގެޓީ އިމޭޖަސް

30 ޖޫން 2026، 08:26

ހޯމަ ދުވަހުގެ ރޭ ޖަރުމަނާ ދެކޮޅަށް ނޮކްއައުޓް ފުރަތަމަ ބުރުގައި ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޕެނަލްޓީ ހިފެހެއްޓި ޕެރަގުއޭގެ ގޯލްކީޕަރު އޯލަންޑޯ ގިލްއަކީ ދިރިއުޅުމުގައި ހިއްދަތި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކުޅުންތެރިއެކެވެ. އޭނާގެ ފުރަތަމަ ދަރިފުޅާއެކު ހޮސްޕިޓަލަށް ކުރަން ޖެހުނު ހަރަދުތައް ބޮޑުކަމުން، ހަނދާނަކަށް ބާއްވާފައި އޮތް 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޖާޒީ ވެސް ވިއްކާލިއެވެ. 

އިސްކޮޅުގައި 6 ފޫޓު 6 އިންޗި ހުންނަ އުމުރުން 26 އަހަރުގެ ގިލްއަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ މޮޅު އެއް ކީޕަރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖެނުއަރީއާ ހަމައަށް އޭނާ ކްލަބް ލެވެލްގައި ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

އޭގެ ވެސް ކުރިޔަށް ޖެހިލާނަމެވެ. މީގެ ހަތަރު އަހަރު ކުރިން، އޭނާގެ ދަރިފުޅު ދުވަސް ނުފުރާ ވިހެއުމާ ގުޅިގެން އާއިލާގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އޭނާގެ ކުޅިވަރު ސާމާނުތައް ވިއްކާލަން ޖެހުނެވެ. އެ ދުވަސްވަރު އެ އާއިލާގެ މާލީ ހާލަތު އެހާވެސް ގޯހެވެ. 

އޭނާގެ ސީނިއަރ ކެރިއަރު ފެށީ ޕެރަގުއޭގެ ޓީމެއް ކަމުގައިވާ ސެން ލޮރެންޒޯއާއެކުއެވެ. އެ ކްލަބާ އޭނާ ގުޅުނީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އެ ކްލަބުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން، 2022 ވަނަ އަހަރު އޭނާގެ އަންހެނުން މެލީސާ އަވަލޯސް ބަލިވެ އިނުމާ ހަމައަށް ކުޅެވުނީ އެންމެ ދެ މެޗެވެ.

އެމީހުންގެ ދަރިފުޅު ލައުޓާރޯ އުފަންވާނެކަމަށް ލަފާކުރެވުނީ ޑިސެމްބަރު 31 ގައެވެ. ނަމަވެސް ސިއްހީ މައްސަލަތަކެއް ދިމާވުމުން ނޮވެމްބަރު 30 ގައި މެލީސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ޑިސެމްބަރު 7 ގައި ވިއްސަން މަސައްކަތް ކުރިއެވެ. ސީރިއަސް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ކުއްޖާ އުފަންވީ އޭގެ އަނެއް ދުވަހުއެވެ. މި ހާދިސާގައި މެލީސާގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު، ދަރިފުޅު ބާއްވަން ޖެހުނީ އައި.ސީ.ޔޫ ގައެވެ.

މި ކަންތައްތަކާ ގުޅިގެން ގިލްގެ އަތްމަތި ހުސްވެ ހަރަދުތައް ހަމަޖެއްސުމަށް އޭނާގެ ކުޅިވަރު ސާމާނުތައް ވިއްކާލިކަމަށް މެލީސާ މިދިޔަ އަހަރު އިންސްޓަގްރާމްގައި ލިޔެފައިވެއެވެ. 

އަހަރެމެންގެ ދަރިފުޅު ފުރާނައަށްޓަކައި ހަނގުރާމަ ކުރަމުން ދިޔައިރު، އޯލާންޑޯ ހުރީ އޭނާގެ ކައިރީގައި. އޭނާގެ އަތުގައި ހުރި ހުރިހާ އެއްޗެއް ވިއްކާލި: ހެދުމާއި، ބޫޓާއި، އަދި ހަނދާނަކަށް ބާއްވަން ބޭނުންވި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޖާޒީ ވެސް ވިއްކާލި.

މެލީސާ ލިޔުނު މެސެޖުގައި ވެއެވެ.

އަދި ދަރިފުޅު އުފަންވިތާ އަހަރެއްހާ ދުވަސް ފަހުން، އާޖެންޓީނާގެ ސެން ލޮރެންޒޯ ކްލަބުން ގިލްއަށް ދިން ފުރުސަތަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ފުރުސަތެކެވެ. 2024 ވަނަ އަހަރު ރިޒާވް ޓީމުގައި ކުޅުމަށްފަހު، 2025 ގައި އޭނާ ވެގެންދިޔައީ ފުރަތަމަ އެގާރައިގެ ގަވާއިދުން ކުޅޭ ކުޅުންތެރިއަކަށެވެ. މިއާއެކު ޕެރަގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

ގައުމީ ޓީމަށް ނެގުމަށްފަހު، ސެޕްޓެމްބަރު މަހު ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޖާޒީގައި ކުޅެފައެވެ. އެއަށްފަހު ރަހުމަތްތެރިކަމުގެ ފަސް މެޗު ކުޅެ، ވޯލްޑް ކަޕަށް ދިޔައިރު އޭނާ އަކީ ޓީމުގެ އެއްވަނަ ކީޕަރެވެ. 

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އެމެރިކާ އަތުން 4-1 އިން ބަލިވި ނަމަވެސް، އޭގެ ފަހުން ކުޅުނު ތިން މެޗުގައި އޭނާގެ ކޮޅަށް ވަނީ އެންމެ ގޯލެކެވެ.

ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ގޯލާ އަމާޒުވި 17 ހަމަލާގެ ތެރެއިން 16 ހަމަލާ ދިފާއުކޮށްފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ފީފާއިން ހޮވާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ.

މި އެވޯޑް އޭނާ ހަދިޔާކުރީ އޭނާގެ އާއިލާއަށެވެ. ޚާއްޞަކޮށް މިވަގުތު ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އޭނާގެ އުފަންބޭބެގެ ދަރިފުޅު އެލެކްސެންޑަރަށެވެ. އަމިއްލަ ދަރިފުޅު އުފަންވިއިރު ކުރިމަތިވި ހިތްދަތި ދުވަސްތަކަށްފަހު، ގިލް މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ އާއިލާއަށް އުފާވެރިކަން ހޯދައިދިނުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450