ކުޅިވަރު
ތާރީހީ މޮޅަކާއެކު ނޯވޭ ދެން ނިކުންނާނީ އެ ޓީމު ބަލިކުރެވިފައިނުވާ ބްރެޒިލްއާ ދެކޮޅަށް
ނޯވޭގެ ތަރި ހާލަންޑު ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---
ވޯލްޑް ކަޕް 2026ގެ ނޮކްއައުޓް ފުރަތަމަ ބުރުގައި އައިވޮރީ ކޯސްޓް 2-1އިން ބަލިކޮށް ނޯވޭއިން ގަދަ-16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެ ބުރުގައި ނޯވޭ ނިކުންނާނީ މިހާތަނަށް އެ ޓީމު އެއްވެސް މެޗަކުން ބަލިކުރެވިފައިނުވާ ބްރެޒިލްއާ ދެކޮޅަށެވެ.
ބްރެޒިލްއާ ނޯވޭ ތާރީހުގައި ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ދެ މެޗު އެއްވަރުވެ، އަނެއް ދެމެޗުން މޮޅުވީ ނޯވޭއެވެ. މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 1998ގެ ވޯލްޑް ކަޕްގައި ނޯވޭއިން 2-1ގެ ނަތީޖާއަކުން ބްރެޒިލްގެ މައްޗަށް ހޯދި ކާމިޔާބީއެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2006 ވަނަ އަހަރުގެ އޯގަސްޓު މަހު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ނިމުނީ 1-1އިން އެއްވަރުވެގެނެވެ.
ނޯވޭއިން ގަދަ-32ގައި އައިވޮރީ ކޯސްޓް ބަލިކުރީ، މެޗު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް އެ ޓީމުގެ ތަރި އާރލިން ހާލަންޑު ކާމިޔާބުކުރި ގޯލަކާއެކު 2-1އިން މެޗު ކާމިޔާބުކޮށްގެނެވެ.
މިދިޔަ ހުކުރު ދުވަހު ބޮސްޓަންގައި ފްރާންސް އަތުން 4-1 އިން ނޯވޭ ބަލިވި މެޗުގައި ރެސްޓުކުރުމަށްފަހު އެނބުރި އައި ހާލަންޑު ވަނީ އޭނާ މުބާރާތުގައި ޖެހި 5 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީއާއެކު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ 'ގޯލްޑަން ބޫޓް' ކާމިޔާބުކުރުމުގެ ރޭހުގައި އޭނާ މިހާރު އުޅެނީ ލިއޮނަލް މެސީއަށްވުރެ އެންމެ ލަނޑެއް ފަހަތުގައެވެ.
މެޗުގެ ފަހުކޮޅު ހާލަންޑް ކާމިޔާބުކުރި ލަނޑާއެކު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނޯވޭ ކުޅުނު ރަސްމީ ހުރިހާ މެޗެއްގައި ލަނޑު ޖެހުމުގެ އާދަޔާޚިލާފު ރެކޯޑް އޭނާ ވަނީ ދަމަހައްޓާފައެވެ. މި މުއްދަތުގެ ތެރޭގައި ކުޅުނު 13 މެޗުން އޭނާ ވަނީ ޖުމްލަ 25 ލަނޑު ޖަހާފައެވެ.
މެޗުގެ 39 ވަނަ މިނެޓުގައި އާރް.ބީ ލައިޕްޒިގްގެ ވިންގަރ، އެންޓޯނިއޯ ނޫސާ ފޮނުވާލި ހިތްގައިމު ހަމަލާއަކުން ނޯވޭއިން ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. ނަމަވެސް، މެންޗެސްޓަރ ޔުނައިޓެޑްގެ އަމާދު ޑިއާލޯ 74 ވަނަ މިނެޓުގައި އޭނާގެ ހުނަރު ދައްކާލައި ކާމިޔާބުކުރި މޮޅު ލަނޑަކާއެކު އައިވަރީ ކޯސްޓުން ނަތީޖާ ހަމަހަމަކޮށްދިނެވެ.
އޭގެ ފަހުން މެޗުގެ ބޮޑު ބައެއްގައި ހާލަންޑްގެ ފަރާތުން މާ ބޮޑު ނުރައްކަލެއް ފެނިގެން ނުދިޔަ ނަމަވެސް، އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޕެޓްރިކް ބާގް ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑު ޖަހައި ގައުމަށް ކާމިޔާބީ ހޯދައިދީފައެވެ.
ގަދަ-16ގައި ނޯވޭ އާއި ބްރެޒިލް ބައްދަލުކުރާ މެޗު އޮންނާނީ 6 ޖުލައިގައެވެ.